އޭޝިޔާގެ މައި އެއް ބާރުކަމުގައިވާ ޗައިނާގެ އަސްކަރިއްޔާއަށް 1.11 ޓްރިލިއަންގެ ބަޖެޓެއް ކަނޑައަޅައިފިއެވެ. އެޤައުމުގެ އަސްކަރިއްޔާއަށް މި ބަޖެޓް ދިނުމަށް ނިންމާފައިވަނީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުންނެވެ.
މި އަހަރު 1.11 ޓްރިލިއަންގެ ބަޖެޓެއް ދިނުމަށް ނިންމާފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރު ދިން ބަޖެޓުގެ އަދަދަށް ވުރެ 8.1 އިންސައްތަ އިތުރު އަދަދެކެވެ. ޑޮލަރުން ބަލާއިރު މިއީ 175 ބިލިއަން ޑޮލަރުގެ ބަޖެޓެކެވެ.
އަސްކަރިއްޔާގެ ބަޖެޓު ބޮޑުކޮށްފައިވާއިރު، އެޤައުމުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަ ކުރަން ޖެހޭކަމަށް އެޤައުމުގެ ރައީސް ޝީ ޖިންގ ޕިންގ ވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
މި ބޮޑު ބަޖެޓާ ގުޅިގެން ޗައިނާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު، އިއްޔެ "ސީއެންއެން" އަށް ވިދާޅުވެފައިވަނީ އެހެން ބޮޑެތި އަސްކަރީ ބާރުތަކާ އަޅާ ބަލާއިރު ޗައިނާއިން އަސްކަރިއްޔާއަށް ޚަރަދު ކުރަނީ ޖީޑީޕީ (ރިއަލް) ގެ ކުޑަ އަދަދެއް ކަމަށެވެ.
ޗައިނާގެ އަސްކަރިއްޔާ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންދާއިރު، އެމެރިކާ އިން ވަނީ އެކަމާ ކަންބޮޑުވާކަން ނުސީދާ ގޮތެއްގައި ހާމަކޮށްފައެވެ. އަދި، ޗައިނާ އާއި ރަޝިޔާއަށްވުރެ އަސްކަރީ ގޮތުން ވަރުގަދަ ވުމަށް އެމެރިކާގެ އަސްކަރިއްޔާ އިންވަނީ ބޮޑު ބަޖެޓެއް ދިނުމަށް އެދިފައެވެ.