އެނާޖީ ޑްރިންކްސް އަކީ އޭގެއިން ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއްކަމީ އެންމެންނަށް އެނގޭ ހަޤީގަތެކެވެ. ނަމަވެސް ވަކި އުމުރެއް ނެތް ގޮތަށް އެނާޖީ ޑްރިންކްސްގެ އަވައިގައި ޖެހިފައިތިބި އެތަށް މިލިއަން ބައެއް ދުނިޔޭގައި އެބައުޅެއެވެ. އެނާޖީ ޑްރިންކްސް ބޭނުން ކުރާ މިންވަރު މަދުކުރުމަށް ބައެއް ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންމެވެ.

އެގޮތުން ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ އެއްގައުމު ކަމަށްވާ އިނގިރޭސި ވިލާތުގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކްސް ވިއްކުން މަނާ ކުރުމުގެ މަސައްކަތް، އެގައުމުގެ ސަރުކާރުން ވަނީ ދާދި ފަހުން ފަށާފައެވެ.

މިކަމާއި ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ، އިނގިރޭސި ވިލާތުގެ ސަރުކާރުން ކުޑަކުދިންނަށް އެނާޖީ ޑްރިންކް ވިއްކުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެނާޖީ ޑްރިކްސް އަކީ އޭނާއި ގިނަ އަދަދެއްގެ ހަކުރާއި ކެފެއިން އެކުލެވޭ އެއްޗެއް ކަމަށްވެސް ކަމުން ކުޑަކުދިން އެނާޖީ ޑްރިންކްސް ބުއިމަކީ ސިއްހީ ގޮތުންވެސް ރަށްކާތެރި ކަމެއް ނޫން ކަމުގައި ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ނިންމުން ތަންފީޒުކުރުމުގެ ކުރިން އާންމުން ހޭލުންތެރި ކުރުމަށް މިހާރު މަސައްކަތްތަށް ފަށާފައިވާ ކަމަށްވެސް މޭ ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން އެނާޖީ ޑްރިންކްސް ބޮނީ އިނގިރޭސިވިލާތުގެ ޒުވާނުންނެވެ.

އިނގިރޭސި ބައެއް ފިހާރަތަކުން މިހާރުވެސް 16 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިކްސް ނުވިއްކާއިރު، އިނގިރޭސި ސަރުކާރުގެ ނިންމުން ތަންފީޒު ކުރަން ފެށުމުން، 150 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ހުންނަ ބުއިންތައް ކުޑަކުދިންނަށް ވިއްކުން މަނާވާނެއެވެ. އަދި އެކަމުގެ ސަަބަބުން މުޅި ގައުމަށް ފައިދާ ވާނެ ކަމުގައި އިނގިރޭސި ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައިރާ

    ރާއްޖޭގައިވެސް ތިކަން ކުރަން ފެނޭ ..