ރަޝިޔާގެ ސިޓީއެއް ކަމަށްވާ ސޯޗީގެ އެއާޕޯޓެއްގައި ޖައްސަން އުޅުނު ފްލައިޓެއް ރަންވޭ މަތިން ކައްސާލައިގެން ހިނގި ނުރައްކާތެރި ހާދިސާއެއްގައި 18 މީހަކަށް އަނިޔާވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ ފްލައިޓް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކައްސާލައިގެންގޮސް އެ ސަރަޙައްދުގައި އޮތް ކޯރެއްގެ ތެރެއަށް ވެއްޓިގެންނެވެ. ނޫސްތައް ބުނާގޮތުގައި މި ފްލައިޓް ރަންވޭ މަތިން ކައްސާލި ވަގުތު އޭގެ ފިޔަގަނޑާއި އިނޖީނަށް ގެއްލުން ލިބި އަލިފާންވެސް ރޯވިއެވެ.

ރަޝިޔާގެ އެއާލައިނެއް ކަމަށްވާ ޔޫޓީ އެއާގެ ބޮއިންގް 737 މަރުކާގެ މި ފްލައިޓް ރަންވޭމަތިން ކައްސާލައިގެން މި ހާދިސާ ހިނގި ވަގުތު އެއިން 166 ފަސެންޖަރުންނާއި ހަ ކްރޫ މެމްބަރުން ދަތުރުކުރިއެވެ. މި ހާދިސާގައި އަނިޔާވި 18 މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭއިރު، ހާދިސާ ހިނގުމާއިއެކު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވި މީހަކަށް ހާޓް އެޓޭކެއް ޖެހިގެން މަރުވެފައިވާ ކަމަށްވެސް ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ، ސޮޗީއަށް ވަރަށް ބޮޑަށް ވިއްސާރަކޮށް ވައިގަދަވެ ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއްގައެވެ. ހާދިސާ ހިނގަން މެދުވެރިވީ ފްލައިޓު ޖައްސަން އުޅުމުގެ ތެރޭގައި ޖެހުނު ގަދަ ވައެއްގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ. މި ހާދިސާގައި އެ ފްލައިޓުގެ އިންޖީނުތަކާއި ފިޔަގަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރަޝިޔާގެ އެއާލައިން އިންޑަސްޓްރީގައި ހިނގާ މިފަދަ އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުޤީޤުކުރަމުންނެވެ.