އަހުލީ ހަނގުރާމައެއްގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިޔާގެ އިދްލީބަށް، އަނެއްކާވެސް ވައިގެ ހަމަލާތަކެއް ދީފިއެވެ. ތިން ހަފްތާ ފަހުން ދީފައިވާ މި ހަމަލާތަކުގެ ސަބަބުން، އެސަރަޙައްދުގެ މަޝްރަހު އިތުރަށް ގޯސްވެ، އާއްމު ރައްޔިތުނނަށް ނުރައްކާވުމުގެ ފުރުޞަތުވަނީ އިތުރަށް ބޮޑުވެފައެވެ.

ކަމާ ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އިދްލީބަށް ވައިގެ ހަމަލާތަކެއް ދިނުން ވެގެންދާނީ، އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑު ކަމަކަށެވެ. ސަބަބަކީ، އެސަރަޙައްދުގައި ތިން މިލިއަނެއްހާ މީހުން ދިރިއުޅެމުންދާއިރު، އެކަމުގެ ސަބަބުން އެފަރާތްތަކަށް އެތައް ގެއްލުންތަކެއް ލިބިގެންދާނެތީއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) އިން ވަނީ، އެސަރަޙައްދުގައި އިތުރު ލޭއޮހޮރުވުމަށް މަގުފަހިވާނޭ ކަންކަން ނުކުރުމަށް ބައެއް ޤައުމުތަކަށް އިލްތިމާސްކޮށް، އެފަދަ ކަމެއް މެދުވެރިވެދާނޭ ސަބަބުތައް ނައްތާލުމަށް އެދިފައެވެ. އެގޮތުން ސީރިޔާ އާއި އެޤައުމަށް ވަފާތެރި ރަޝިޔާ އަދި އެސަރަޙައްދުގެ ބާރުގަދަ ތުރުކީގެ ކިބައިން، މިކަންކަމަށް އދ. އިން އެދިފައިވެއެވެ.

ތިން ހަފްތާ ދުވަސްފަހުން، އިއްޔެގެ ހެނދުނުގެ ވަގުތުގައި މަދުވެގެން 24 ވައިގެ ހަމަލާ ދީފައިވާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އެސަރަޙައްދުގެ ބައެއް އެކްޓިވިސްޓުންނާ ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ސީރިޔާ އާއި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުންނެވެ. އަދި، އެންމެ ބޮޑަށް ހަމަލާ ދީފައިވަނީ އިދްލީބު ޕްރޮވިންސްގެ ޖިސްރުލް ޝުޤޫރު ސަރަޙައްދާއި އެސަރަޙައްދުގެ ވަށައިގެން ހުންނަ ހިސާބުތަކަށެވެ.

އިއްޔެ ދިން ހަމަލާތަކުގައި 10 މީހުން މަރުވެ، އިތުރު 20 މީހުން މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި، ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި، އާއްމުންގެ ގެތައް ހިމެނޭކަމަށްވެސް މައުލޫމާތު ލިބެއެވެ. އިއްޔެގެ ހަމަލާތައް ދިން ތަންތަނުގެ ތެރޭގައި ހަސްފަތާލުތަކާއި ޞިއްޙީ އެހީތެރިކަން ދޭ އެހެން ތަންތަން ނުހިމެނުނުކަމުގައިވިޔަސް، ހަމަލާގެ ސަބަބުން އެމްބިއުލާންސްތައް ބޭނުންކުރާ ބައެއް މައި މަގުތައްވަނީ ބަންދުވެފައެވެ.

ސީރިޔާގެ އިދްލީބު ޕްރޮވިންސަކީ، އެޤައުމުގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި އޮންނަ ތަނެކެވެ.