އެމިރޭޓްސް ފްލައިޓަކުން ދަތުރުކުރި 100 މީހަކު އެއްފަހަރާ ބަލިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިވަގުތު އެމެރިކާގެ ނިއުޔޯކުގެ އެއާޕޯޓެއް ކަމަށްވާ ޖޯން އެފް ކެނެޑީ (ޖޭއެފްކޭ) އެއާޕޯޓުގައި އޮތް މި ފްލައިޓުން ދަތުރުކުރި ބައެއް މީހުންނަށް ދަނީ ސީރިއަސް ހާލުގައި ފަރުވާދެމުންނެވެ.

މި ހާދިސާ ހިނގި ފްލައިޓުން 500 މީހުން ދަތުރުކުރިއިރު، އޭގެތެރެއިން ބަލިވީ ސަތޭކަ މީހުން ކަމަށް ވެއެވެ. އެމީހުނަށް ފަރުވާދެމުންދަނީ ކުއްލިއަކަށް ކެއްސަން ފަށައި ހުން އަންނާތީ ކަމަށް ވެއެވެ. ދުބާއީ އިން ނިއުޔޯކަށް ދަތުރުކުރި އެ ފްލައިޓުން ކުރި ދަތުރަކަށް ފަހު އެމީހުން ބަލިވީ ކޮން ސަބަބަކާއި ހުރެކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅިގެން ފްލައިޓް މިހާރު ޖޭއެފްކޭ އެއާޕޯޓުގައި ކަރަންޓީނުކޮށްފައިވާއިރު، އެމިރޭޓްސްގެ އޮފިޝަލަކު ނޫސްތަކުގައި ބުނެފައިވަނީ ދުބާއީ އިން ނިއުޔޯކަށް ކުރި އެ ދަތުރުގައި މައްކާއަށް މަޑުކޮށްފައިވާ ކަމަށެވެ. މި ދުވަސްވަރު މައްކާގައި ހަލުވިކަމާއި އެކު ހުމެއް ފެތުރެމުންދާއިރު، މި ހާދިސާ އެކަމާއި ގުޅުމެއް ވެދާނެ ކަމަށް އޮފިޝަލް ބުނެފައި ވެއެވެ.

އެމިރޭޓްސް އިން ބުނެފައިވަނީ އެފަދަ ހާދިސާއެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ލިބިގެން މިހާރު އެމެރިކާގެ އިދާރާތަކާއި ގުޅިގެން ހާދިސާގެ ތަހުޤީޤެއް ފަށާފައިވާ ކަމަށެވެ.

އެމިރޭޓްސްގެ ފްލައިޓުން ދަތުރުކުރި ބަޔަކު އެއްފަހަރާއި ބަލިވި މި ހާދިސާ އާއި ގުޅިގެން ސިއްހީ އޮފިޝަލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ހާދިސާގައި ބަލިވި މީހުންގެ ތެރޭގައި ފްލައިޓުގެ ކްރޫ މެމްބަރުން ހިމެނޭކަމެއް ނޭނގެއެވެ. މިކަން ހިނގުމާއި އެކު ޖޭއެފްކޭ އެއާޕޯޓުގައި ސިއްހީ އޮފިޝަލުން ދަނީ ހަރަކާތްތެރިވެ އެ ފްލައިޓުން ދަތުރުކުރި އެންމެންގެ ޓެސްޓުތަކެއް ހަދަމުންނެވެ.