ޔަމަންގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންތަކެއް، އެޤައުމާއި ސައުދީ އާއި ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ސައުދީގެ ސިޓީއެއް ކަމަށްވާ ޖަޒާންއަށް ފޮނުވާލި މިސައިލް ހަމަލާއެއް ނާކާމިޔާބުކޮށްލައިފިއެވެ.

ރޭގެ ވަގުތެއްގައި ސައުދީއަށް ދޭން އުޅުނު ބެލިސްޓިކް މިސައިލެއްގެ މި ހަމަލާ ނާކާމިޔާބުކޮށްލާފައިވަނީ، އެޤައުމުގެ ވައިގެ ދިފާއީ ބާރުންނެވެ. އެފަރާތުން ބުނެފައިވާގޮތުގައި މި ހަމަލާ ސައުދީއަށް އަމާޒުކޮށްފައިވަނީ ޔަމަންގައި އުޅޭ ހޫތީ ހަނގުރާމަވެރިންނެވެ.

ހޫތީން ސައުދީއަށް މިފަދަ ހަމަލާ ދިނުމަށް މީގެ ކުރިންވެސް އެކި ފަހަރުމަތިން މަސައްކަތްކޮށްފައިވާއިރު، މިދިޔަ ބުދަ ދުވަހުވެސް ހޫތީ ހަނގުރާމަވެރިން ވަނީ ސައުދީގެ ސިޓީއެއް ކަމަށްވާ ނަޖްރަންއަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދިނުމަށް މަސައްކަތްކޮށްފައެވެ. އެ މި ސައިލް ފޮނުވާލިތާ ގިނައިރުތަކެއް ނުވެ ސައުދީގެ ވައިގެ ދިފާއީ ބާރުތަކުން މިސައިލް ވައްޓާލާފައިވީނަމަވެސް މި ހާދިސާގައި 37 މީހަކަށް އަނިޔާވެފައި ވެއެވެ.

ސައުދީ އިސްވެ އޮންނަ އަރަބް ކޯލިޝަން ބުނާގޮތުގައި، ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ވަނީ ސައުދީއަށް އަމާޒުކޮށް އެކި ފަހަރުމަތިން ސަތޭކައަށްވުރެ ގިނަ މިސައިލް ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް ސައުދީގެ ދިފާއީ ބާރުތަކުން ނާކާމިޔާބުކޮށްލާފައި ވާކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

އިއްޔެ ސައުދީއަށް ހޫތީންގެ ހަމަލާއެއް އަމާޒުކޮށްފައިވާއިރު، އަރަބި ކޯލިޝަނުން ހިންގި އޮޕަރޭޝަނެއްގައި މިއަދު ވައިގެ މަގުން ދިން ހަމަލާއެއްގައި ހޫތީންގެ އިސް ދެ ކޮމާންޑަރަކާއި އިތުރު 16 ހަނގުރާމަވެރިއަކު މަރާލާފައިވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    މައްކާއަކަށް މިސައިލެއް ނާރާނެ

    • މޮހޮދޭ

      މައްކާއަށް އަރާފާނެ އެކަމު ގައިމުވެސް ކަޅުފޮއްޓަށް ނާރާނެ