އެޓްލާންޓިކް ކަނޑުގައި އުފެދުނު އާދަޔާއި ޚިލާފަށް ބާރުގަދަ ނަގޫރޯޅިއެއް، ތޫފާނަކަށް ބަދަލުވެ އެމެރިކާގެ އިރުމަތީ ސަރަޙައްދުތަކަށް ނުރައްކާ ކުރިމަތިކުރުވައިފިއެވެ.

"ފްލޮރެންސް" ގެ ނަމުން ނަންދީފައިވާ އެ ނަގޫރޯޅިއަކީ މިއަހަރުގެ މިހާތަނަށް އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ނަގޫރޯޅި ކަމަށް ބެލެވިފައިވާއިރު، އެ ނަގޫރޯޅީގައި ގަޑިއަކު 209 ކިލޯމީޓަރަށް ވައި ބާރުވިކަމަށް އިދާރާތަކުން ބުނެއެވެ.

އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެފައިވާގޮތުގައި، ނަގޫރޯޅީގެ ބާރުގަދަވުމުން އެއީ ކެޓެގަރީ ހަތަރެއްގެ ނަގޫރޯޅިއެއް ކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި އެ ނަގޫރޯޅި ބާރުގަދަ ތޫފާނަކަށް ބަދަލުވެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ކުރިއަށްއޮތް ދުވަސްތަކުގައި އަރާނެ ކަމަށް ބެލެވިފައިވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އެ އިދާރާއިން ބުނީ، މި ތޫފާން މިހާރު ދަނީ އެޓްލާންޓިކް ކަނޑުން ހުޅަނގުއުތުރަށް ދަތުރުކުރަމުންނެވެ. ދުވަހެއް ދުވަހަކަށް މި ތޫފާން އެމެރިކާގެ އައްސޭރީގެ ސަރަޙައްދުތަކާއި ކައިރިވަމުންދާއިރު، ފެށޭ ހަފްތާގައި ތޫފާން އެމެރިކާއަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުރިއަށްއޮތް ހަފްތާއެއްހައި ދުވަސްތެރޭގައި މި ތޫފާނުގެ ބާރު ދަށްވާނެ ކަމަށް ބެލެވިފައި ވީނަމަވެސް، ތޫފާން އެމެރިކާއަށް އަރާއިރު ބާރުގަދަވެ ގެއްލުން ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން އެކަމަށް ތައްޔާރުވުމުގެ މަސައްކަތް އޮފިޝަލުން މިހާރު ވަނީ ފަށާފައެވެ.

އެމެރިކާއަށް ބާރުގަދަ ތޫފާނެއްގެ ނުރައްކާ ކުރިމަތިވެފައި މިވަނީ، މިދިޔަ ހަފްތާގެ ތެރޭގައިވެސް އެޤައުމަށް ބާރުގަދަ ތޫފާނެއް އަރާފައި ވަނިކޮށެވެ. "ގޯޑޮން"ގެ ނަމުން ނަންދެވުނު އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި، އަލަބާމާ އާއި މިސިސިޕީ ގުޅުނު ބޯޑަރު ސަރަޙައްދަށް ބޯކޮށް ވާރޭވެހިި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު، އުމުރުން ދެ އަހަރުގެ ކުއްޖަކުވެސް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ ތުރާކުނު

    އެއްޖިންސުން ގުޅުން ހިންގާ މީހުން ގިނަވީމަވެސް ވާނީ ތިހެން

    • ނާނު

      ތިބުނީ ދެން އަރަން އޮތީ އިންޑިޔާ އައްށޭތަ