ރަޝިޔާގެ އަސްކަރިއްޔާގެ މަތިންދާބޯޓެއް ސީރިޔާއަށް ވެއްޓި އެ މަތިންދާބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. މަތިންދާބޯޓުން މުޅިއަކު 39 މީހުން ދަތުރުކުރަމުންދިޔަކަމަށް ހަބަރުލިބިފައިވާއިރު އެ މަތިންދާބޯޓު ވެއްޓިފައިވަނީ ސީރިޔާގެ އައްސޭރިފަށުގެ ރަށެއްކަމުގައިވާ ލަޓަކިއާ ކައިރިއަށެވެ. މަތިންދާބޯޓު ވެއްޓުނު އިރު އެ މަތިންދާބޯޓު ދިޔައީ ރަޝިޔާގެ އަސްކަރިއްޔާއިން ސީރިޔާގައި ހަނގުރާމަވެރިންނާއި ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ބޭނުންކުރެވޭ މައި އަސްކަރީ ބޭސް، ހްމެއިމިމް ބޭސް އަށް ޖައްސަން މަސައްކަތްކުރަމުންނެވެ. ވެއްޓުނު މަތިންދާބޯޓަކީ އޭ.އެން 26 މަރުކާގެ އަސްކަރީ ދަތުރުތަކަށް ބޭނުންކުރެވޭ މަތިންދާބޯޓެއްކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

މަތިންދާބޯޓު ވެއްޓުނު ހާދިސާގައި ބައެއް މީޑިޔާތަކުން ވަނީ އެންމެ ފުރަތަމަ އެ ހާދިސާގައި މަރުވެފައިވަނީ 32 މީހުން ކަމަށް ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް ފަހުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ވަނީ މަތިންދާބޯޓުން ދަތުރުކުރި 39 މީހުންވެސް މަރުވެފައިވާކަމަށް ހާމަކޮށްފައެވެ. ރަޝިޔާގެ އޮފިޝަލުން ވަނީ މަތިންދާބޯޓު ވެއްޓެން މެދުވެރިވީ އެ މަތިންދާބޯޓަށް އަމާޒުކޮށް ދެވުނު ހަމަލާއެއްގެ ސަބަބުން ނޫންކަމަށާއި، ވެއްޓެން މެދުވެރިވި ސަބަބުގެ ގޮތުގައި އެންމެ ބޮޑަށް ބެލެވިފައިވަނީ މަތިންދާބޯޓަށް ކުރިމަތިވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ބުނެފައެވެ. މަތިންދާބޯޓު ވެއްޓުނު ހާދިސާ މިހާރު ތަހުގީގުކުރެވެމުންދާއިރު ރަޝިޔާގެ ރައީސް ވްލަޑިމިއާރ ޕުޓިން ވަނީ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާ އަދާކޮށްފައެވެ.

ރަޝިޔާއިން ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިން ބަލިކުރުމުގައި ދަނީ ސީރިޔާގެ އަސްކަރިއްޔާއަށް އެހީތެރިވަމުންނެވެ. މިގޮތުން ސީރިޔާގެ ހަމަލާބަދަލުކުރުން އެންމެ ވަރުގަދަ އިރުމަތީ ގޯޓާ ފަދަ ސަރަހައްދުތަކަށް ހަމަލާދިނުމުގައި ރަޝިޔާއިން ދަނީ ބޮޑު ދައުރެއް އަދާކުރަމުންނެވެ. ރަޝިޔާއަކީ ސީރިޔާގެ ސަރުކާރަށް އެގައުމުގެ ދާޙިލީ ހަނގުރާމައިގައި އެހީތެރިވެދޭ މައި ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަދު

    ﷲ ހަމްދު ހުރި އެއުރެން ނިކަމެތި ކުރައްވާާށި.

  2. މަރިޔަމް

    އަލްޙަމްދުލިﷲ

  3. ާބޫސުފުޔާން

    ޢަލްހަމްދުލިއްލާހި