ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެއް އަހަރުގެ ކުޑަ ކުއްޖަކާއި އުމުރުން ދުވަސްވީ އަންހެނަކު ޝަހީދު ކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އެކުއްޖާއާއި އަންހެން މީހާ ޝަހީދު ކޮށްލާފައިވަނީ އިރުމަތީ ރަފާހުގައި އެމީހުން ދިރިއުޅެމުން ދިޔަ ގެއަށް ދިން ވައިގެ ހަމަލާގައެވެ. މި ހަމަލާގައި ޖުމްލަ ހަ މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ޝަހީދުކޮށްލި އަންހެން މީހާގެ އުމުރަކީ 64 އަހަރެވެ.

ނިރުބަވެރިން އެގެއަށް ވައިގެ ހަމަލާދީފައިވާއިރު، ދެކުނު ރަފާހުގެ އިތުރު ދެ ގެއަކަށް ވެސް ރޭގެ ވަގުތެއްގައި ހަމަލާދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިން ރަފާހަށް މި ދިން ހަމަލާގެ އިތުރުން ވެސް ޣައްޒާ ސިޓީއަށް ދިން ހަމަލާގައި ކުޑަކުދިން ހިމެނޭހެން 7 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި މީގެ އިތުރުން ވެސް ރަފާހުގެ އެއް އާއިލާއެއްގެ 9 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިއާއި އެކީ ރޭ އެކަނި ނިރުބަވެރިން ފަލަސްތީނުން ޝަހީދު ކޮށްލި މީހުންގެ އަދަދު 20 އަށްވުރެ މައްޗަށް އަރާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކައް ހުއްޓުމެއް މިއަދާއި ހަމައަށް އައިސްފައި ނުވާއިރު، އެމީހުންގެ ހަމަލާތައް ބޮޑަށް އަމާޒުވަނީ އާންމުން ދިރިއުޅެމުން އަންނަ ގެތަކަށާއި ގެދޮރު ގެއްލިފައިވާ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން ހޮސްޕިޓަލްތަކާއި ސްކޫލްތަކަށެވެ.