ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަވަށެއް ކަމަށްވާ ރަފާހަށް އެރުމަށް ތައްޔާރުވާން ފަށައިފިއެވެ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނަކު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިރުމަތީ ރަފާހުން ގާތްގަނޑަކަށް 100،000 މީހުން ބޭރު ކުރާނެ ކަމަށެވެ. އަދި އެކަން ކުރަނީ އެމީހުން ރަފާހަށް އެރުމުގެ ކުރިން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ރަފާހަށް އަރައިގަންނާނެ ކަމަށް އޭނާ ބުނެފައިވާއިރު، 1.5 މިލިއަން މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ރަފާހަށް ނޭރުމަށް ބައިނަލްއަގުވާމީ ކޮމިއުނިޓީތަކުން ވަނީ އިސްރާއީލަށް އަންގާފައެވެ. އެފަރާތްތަކުން ބުނެފައިވަނީ އެއީ ހިތާމަވެރި ކަމެއް ކަމަށެވެ.

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ނިރުބަވެރިން ވަނީ ޣައްޒާގެ އެކި ސަރަހއްދުތަކަށް މިހާތަނަށް ހަމަލާތައް ދީފައެވެ. މިހަމަލާތަކުގައި އެތަކެއް ބަޔަކު ޝަހީދުވެފައިވާއިރު، ނިރުބަވެރިންގެ ހަމަލާތައް ހުއްޓާލުމަށް އަދި އެއްބަސްވެފައެއް ނުވެއެވެ.

ނިރުބަވެރިން ހިންގަމުން އަންނަ އޮޕަރޭޝަން ފުޅާކޮށް، ރަފާހަށް އެރުމުގެ ކަންކަން ކުރިއަށްދާއިރު، ހަނގުރަމަ ހުއްޓާލުމާއި ބެހޭ ގޮތުން މިސްރު މެދުވެރިއަކަށް ވެގެން ހަމާސް ޖަމާއަތާއި އިސްރާއީލާއި އަންނަނީ ވާހަކަ ދައްކަމުންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައި ނުވަނީ ދެފަރާތުން އެދިފައިވާ ކަންކަން ދެފަރާތުން ވެސް އެއްބަސް ނުވާތީއެވެ.

ހަމާސް އިން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ނުވަނީ އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫއެވެ.