ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް-ނައްޖަރް ހޮސްޕިޓަލް ހުސްކުރުމަށް ނިރުބަވެރި އިސްރާއީލުން އަންގައިފިއެވެ.

މިމަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލުން 2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ރަފާހަށް އަރައިގަނެ ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް ދީފައިވަނީ ރަފާހުގެ ދެކުނުގެ ހިސާބުތަކަށެވެ.

މިހަމަލާގެ އިތުރުން ރެއާއި މިއަދުގެ ހެނދުނުގެ ވަގުތުގައި ނިރުބަވެރިން ވަނީ ރަފާހުގެ އިރުމަތީ ސަރަހައްދަށް ވަދެގެންފައެވެ. އެސަރަހައްދަށް ވަދެ، އާންމުން ދިރިއުޅޭ ގިނަ ގެތަށް ހުސް ކޮށްފައިވާއިރު، ނިރުބަވެރިން ވަނީ ރަފާހް ސިޓީގެ އެންމެ ބޮޑު ހޮސްޕިޓަލަށް ވެސް އިންޒާރެއް ދީފައެވެ.

އެގޮތުން ނިރުބަވެރިން ވަނީ އެ ހޮސްޕިޓަލް ހުސްކުރުމަށް އަންގައި، ސިޓީގެ ސިއްހީ ނިޒާމަށް އިތުރަށް ޕްރެޝަރު ކޮށްފައެވެ.

އެހޮސްޕިޓަލް ހުސްކުރަން ނިރުބަވެރިން އެންގުމާއި އެކީ އެސަރަހައްދުގައި ޒަހަމްވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރަމުން އަންނަ ހުޅަނގުގައި ހުންނަ ހޮސްޕިޓަލްތަކުންނެވެ. އޭގެ ތެރޭގައި ޒަހަމްވެފައިވާ ގިނަ އަދަދެއްގެ މީހުން ތޮއްޖެހިފައިވާ ކުވެއިތު ހޮސްޕިޓަލް ހިމެނެއެވެ.

ނިރުބަވެރިން ރަފާހަށް ދެމުން އަންނަ ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތައް އެއްކޮށް ސުންނާފަތި ކުރަމުން އަންނައިރު، ރެއާއި ދުވާލު އެސިޓީގެ އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުން އަންނަ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިންގެ މި ހަމަލާތަކުގައި ރަފާހުން ޝަހީދުވި މީހުންގެ އަދަދެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.