ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ރަފާހުގައި 35 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، މިމަހުގެ 7 ވަނަ ދުވަހު ނިރުބަވެރިން ވަނީ ޣައްޒާގެ ދެކުނުން އޮންނަ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ރަފާހަށް ވަދެގަނެފައެވެ.

ރަފާހަށް ވަދެގަނެ، ވަރުގަދަ ހަމަލާތަކެއް އެސަރަހައްދުގައި ދެމުން އަންނައިރު، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ، އެތައް ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ސިއްހީ ހިދުމަތްދޭ ފަރާތްތަކުން "އަލްޖަޒީރާ" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ރަފާހުގައި އެންމެ މަދު ވަސީލަތްތަކާއި އެކީ ހިދުމަތް ދެމުން އަންނަ ކުވެއިތު ހޮސްޕިޓަލަށް ޝަހީދުކޮށްލާފައިވާ 35 މީހެއްގެ ހަށިގަނޑު ގެނެސްފައިވާ ކަމަށެވެ. އަދި އެކިވަރުގެ ޒަހަމްތައް ލިބިގެން 129 މީހަކު ގެނެސްފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ނިރުބަވެރިން ރަފާހުގައި ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގިނަ ގައުމުތަކުން ގޮވަމުން އައި ނަމަވެސް، އެކަމަށް އިސްރާއީލުން އިޖާބަދީފައެއް ނުވެއެވެ. ގިނަ ގައުމުތަކުން ވަނީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި ހިލާފަށް ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގެ އެ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ.