ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 34،900 އަށްވުރެ މައްޗަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 34،904 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އެކިވަރުގެ ޒަހަމްތައް ލިބުނު މީހުންގެ އަދަދު ވަނީ 78،514 އަށް އަރާފައެވެ.

ޝަހީދުވެފައިވާ މީހުންގެ އަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް ބެލެވޭއިރު، އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެ ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރޭގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައިވާ ކަމަށް ބެލެވެއެވެ.

ނިރުބަވެރިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިމުއްދަތުގައި މަރުވެފައިވަނީ އެމީހުންގެ 1،139 މީހެކެވެ. އަދި އެކިވަރުގެ އަނިޔާ ލިބިފައިވަނީ 8،730 މީހަކަށެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެއީ މިމަހުގެ 7 ވަނަ ދުވަހު ޣައްޒާގެ އެންމެ މީހުން ގިނަ އެއް ސަރަހައްދުކަމަށް ރަފާހަށް ނިރުބަވެރިން ވަނީ ވަދެ ހަމަލާތަކެއް ދޭން ފަށާފައެވެ.

މި ހަމަލާތައް ދޭން ފެށި ދުވަހުން ފެށިގެން 24 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި އެ ސަރަހައްދުން 23 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.