ހައްދުފަހަނަ އަޅާފައިވާ ޔަހޫ އިސްރާއީލުން ފަލަސްތީނުގެ ދެ މީހަކު ޝަހީދު ކޮށްލައިފިއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ފަލަސްތީނުގެ އެ ދެމީހުން ޝަހީދުކޮށްލާފައިވަނީ ފަލަސްތީނުގެ ދެ ސަރަހައްދަކަށް ދިން ހަމަލާއެއްގައެވެ.
އެގޮތުން އަބަސަން އަށް ދިން ހަމަލާގައި އެކަކު ޝަހީދުކޮށްލާފައިވާއިރު، އަނެކަކު ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ދިން ހަމަލާއެއްގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ނިރުބަވެރިންގެ މި ހަމަލާގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވި ނަމަވެސް، މި ހަމަލާގައި ޒަހަމްވެފައިވާ މީހުންގެ އަދަދު އަދި ކަށަވަރުވެފައެއް ނުވެއެވެ.
ރަފާހު ހިމެނޭހެން ފަލަސްތީނުގެ ގިނަ ސަރަހައްދުތަކަށް ނިރުބަވެރިން އަންނަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން މިހާތަނަށް އެތަކެއް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނިރުބަވެރި އިސްރާއީލުން ވަނީ ފަލަސްތީނުގެ 34،900 އަށްވުރެ ގިނަ މީހަކު ޝަހީދު ކޮށްލާފައެވެ. އަދި އެހަމަލާތަކުގައި 77،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.