ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 35،000 އާ ގާތަށް ޖެހިލައިފިއެވެ.

ޣައްޒާގެ ސިއްހީ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،943 މީހުން ޝަހީދުވެ 78،572 މީހުން ވަނީ ޒަހަމްވެފައެވެ،

އަދި އެންމެ ފަހުން 24 ގަޑިއިރުގެ ރިޕޯޓިން ޕީރިއަޑްގައި 39 މީހުން ޝަހީދުވެފައިވާ ކަމަށް ދައްްކާއިރު، އިތުރު 58 މީހުން ޒަޒަމްވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ހާމަކޮށްފައި ވެއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން މި އަދަދުތައް ހާމަ ކުރި ނަމަވެސް، ޝަހީދުވެފައިވާ މީހުންގެ އަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެ ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރޭގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައިވާ ކަމަށް ބެލެވޭތީއެވެ.

ނިރުބަވެރިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިމުއްދަތުގައި މަރުވެފައިވަނީ އެމީހުންގެ 1،139 މީހެކެވެ. އަދި އެކިވަރުގެ އަނިޔާ ލިބިފައިވަނީ 8،730 މީހަކަށެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވުމަކީ އެކަށީގެންވެއެވެ. ސަބަބަކީ މިމަހުގެ ހަ ވަނަ ދުވަހު ޣައްޒާގެ އެންމެ މީހުން ގިނަ އެއް ސަރަހައްދުކަމަށް ރަފާހަށް ނިރުބަވެރިން ވަނީ ވަދެ ހަމަލާތަކެއް ދޭން ފަށާފައެވެ.