މާލެ ސިޓީ ހިމެނޭ ގޮތަށް 11 އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު އިންޒާރު މިރޭ ނެރެފިއެވެ.

މެޓް އޮފީހުން ބުނީ އެ އަތޮޅުތަކަށް ސަމާލު ނެރެފައިވަނީ މިރޭ 19:30 އިން 22:30 އަށް ކަމަށެވެ. މި އަތޮޅުތަކުގެ ތެރޭގައި ހިމެނީ ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅަށެވެ.

އިންޒާރުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓްއިން ލަފާކޮށްފައިވެއެވެ.

މާދަމާ ހެނދުނު 6:00 އަށް މެޓްއިން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު، މެދު ރާއްޖޭގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

އަދި ދެކުނުގެ އަތޮޅުތަކުގައި ހުނޅަގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެޓުން ލަފާ ކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް އާންމު ގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި ރާޅުގެ އުސްމިނުގައި 7-10 ފޫޓް ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު