މޫސުން ގޯސްވެ، ވިލާގަނޑެއްގައި 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖް އިންޒާރު (އޮރެންޖް ވާނިން) ނެރެފިއެވެ.

މެޓް އިން އޮރެންޖް އިންޒާރު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ފަތިހު 5:15 އިން ފެށިގެން ހެނދުނު 8:15 އާއި ހަމައަށެވެ.

ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ނ. އަތޮޅު، ޅ. އަތޮޅު، ކ. އަތޮޅު، ވ. އަތޮޅު، ފ. އަތޮޅު، އދ. އަތޮޅު، އއ. އަތޮޅު، ބ. އަތޮޅު އަދި ރ. އަތޮޅު ހިމެނެއެވެ.

މެޓުން ނެރެފައިވާ މި އިންޒާރުގައި ބުނެފައިވަނީ ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަރަހައްދުތަކަށް މޫސުން ގޯސްވެ، މިއަދު އޮރެންޖް އިންޒާރު ނެރެފައިވާއިރު، ރޭވެސް މެޓުން ވަނީ، ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ވެސް އޮރެންޖް އިންޒާރު ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ އިތުރުން މިހާރު މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައިގަދަވާން ފަށާފައިވަނީ ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑުގެ ސަބަބުން ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ. މިއީ މި ކޮޅިގަނޑުގެ ނުސީދާ އަސަރު ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންނަބޭ

    މުސްކުޅިން ބުނެ އުޅޭ ރޯނު ނަކަތަކީ ވަރަށް މޫސުންގޯސް ކަނޑު ގަދަވާ ނަކަތެއްކަމަށް. މިހާރު މިބުނަނީ ކޮޅިގަނޑެކޭ ތޫފާނަކޭ. އަސްލު މީ ހުޅަނގު މޫސުމުގެ ވިއްސާރަ