ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ ރަނގަޅު ނުވެ، އަނެއްކާ ވެސް ބޮޑު ސަރަހައްދަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖް އިންޒާރު ނެރެފިއެވެ.

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި މެޓް އޮފީހުން އޮރެންޖް އިންޒާރު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް 15:15 އިން ފެށިގެން މިރޭ 19:15 އާއި ހަމައަށެވެ.

މެޓުން ވިދާޅުވީ، މި ވަގުތުތަކުގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން މި އިންޒާރު ނެރެފައިވާއިރު، މިއީ ޖެހިޖެހިގެން އޮރެންޖް އިންޒާރު ނެރެނު ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން މެޓުން ވަނީ މިއަދު ފަތިހު 05:15 އިން ހެނދުނު 08:15 އަށް، 08:00 އިން 11:00 އަށް އަދި 11:15 އިން 15:15 އަށް ވެސް އޮރެންޖް އިންޒާރު ނެރެފައެވެ.

މީގެ ތެރެއިން ހެނދުނު އޮރެންޖް އިންޒާރު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ކަމަށްވާއިރު، ދެން ހުރި އިންޒާރުތައް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ބައެއް ރަށްރަށުގެ ބޮޑެތި ގަސްތައް މުލުން ލުހިގެން ގޮސްފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކަށްޓަކައި، ކަނޑުދަތުރު ކުރައްވާ ފަރާތްތަކާއި އެހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.