ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް އެހީގެ ސާމާނުތައް ވެއްދުން ހުއްޓުމަކަށް ގެނެސްފައިވާތީ ޣައްޒާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އަލް އަޤްސާ ހޮސްޕިޓަލް ހުއްޓާލަން ޖެހިފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކަށް ޔަހޫދީންގެ އަނިޔާވެރި ސިފައިން ވަނީ ހަމަލާދީ އެތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އަދި ސަލާމަތުން ހުރި ހޮސްޕިޓަލްތަކަށް ވެސް ޔަހޫދީން ދަނީ އެހީތެރިކަން ލިބުމަށް ހުރަސް އަޅަމުންނެވެ.

" ޣައްޒާގެ މެދުގައި ހުންނަ އަލް އަޤްސާ ހޮސްޕިޓަލް އަހަރުމެން ބަންދުކުރަން މި ޖެހުނީ އެތައް ދުވަހެއް ވަންދެން ތެލަށް އާދޭސް ކުރުމުން ވެސް އަހަރެމެންނަށް މި ހޮސްޕިޓަލްގައި ހުރި ޖަނަރޭޓަރު ތަކަށް ބޭނުންވާ ވަރަށް ތެޔޮ އެއްވެސް ބަޔަކު ފޯރުކޮށްދީފައި ނުވާތީ. ޔަހޫދީ އިސްރާއީލުން ދަނީ މި ކަމަށް ގަސްތުގައި ހުރަސް އަޅަމުން އަދި އދ.އިން ވެސް މިކަމުގައި ކަމެއް ކުރާ ތަނެއް އަހަރުމެންނަކަށް ނުފެނޭ" ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ޚަލިލް އަލް ޑެގްރަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަރަށް އާދޭސް ކޮށްގެން އިއްޔެ އެ ހޮސްޕިޓަލަށް ވަނީ 3،000 ލީޓަރުގެ ތެޔޮ ލިބިފައެވެ. ނަމަވެސް އެ ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށް ފުރިހަމަ ފަރުވާދޭން ބޭނުން ކުރަންޖެހޭ މެޝިންތަކާއި އެހެނިހެން ކަންކަމަށް މަދުވެގެން 5،000 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާރު ވެސް އެކި ކަންކަމަށް ފަރުވާ ހޯދަމުންދާ 1،300 ބަލިމީހުން އަލް އަޤްސާ ހޮސްޕިޓަލްގައި އެބަ ތިބި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

މި 1،300 މީހުންގެ ފަރުވާ ހުއްޓިގެން ނުދާނޭ ގޮތް ހެދުމަށް ވަރަށް އަވަހަށް އެ ހޮސްޕިޓަލަށް ތެޔޮ ބޭނުންވާ ކަމަށާއި ވަރަށް ގިނަ ފަރާތްތަކެއްގެ ކައިރިން މިކަމަށް އާދޭސް ކުރަމުންދާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން މި ކަމަށް އިޖާބައެއް ނާންނަ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ޚަލިލް އަލް ޑެގްރަން ވަނީ ވިދާޅުވެފައެވެ.