ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް އެހީގެ ސާމާނުތައް ވެއްދުން ހުއްޓުމަކަށް ގެނެސްފައިވާތީ ޣައްޒާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އަލް އަޤްސާ ހޮސްޕިޓަލްގެ ޑިޕާޓްމެންޓްތައް ހުއްޓުމަކަށް އަންނަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލުގެ ކަރަންޓު ޖަނަރޭޓަރުތައް ދަނީ ހުއްޓުމަކަށް އަންނަމުންނެވެ.

މިގޮތުން އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ކުޑަކުދިންގެ ޑިޕާޓްމަންޓަކީ ކަރަންޓް ކެނޑުނު ފުރަތަމަ ޑިޕާޓްމަންޓް ކަމަށް ބުނެފައި ވެއެވެ.

"މި ޑިޕާޓްމަންޓުގެ ކޮރިޑޯތަކުން ބޭރުގައި ތިބި ކުޑަކުދިން މި ފެންނަނީ، ޣައްޒާގެ މެދުތެރޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެތެރޭގައި ހުރި ކޮޓަރިތައް ބަލިމީހުންނާއި ޒަހަމްތަކުން ފުރިފައިވޭ،". އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފައި ވެއެވެ.

މި ހާއްސަ ޑިޕާޓްމަންޓުން ކަރަންޓު ކެނޑުމާއެކު ފުރާނަ ގެއްލުމުގެ ނުރައްކާ ބޮޑު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކުޑަކުދިންގެ ޑިޕާޓްމަންޓަކީ މިހާރު ކަރަންޓު ކެނޑުނު ހަމައެކަނި ޑިޕާޓްމަންޓެއް ނޫނެވެ.

މަތީ ފަންގިފިލާގައި ހުންނަ ޖެނެރަލް ސާޖަރީ ޑިޕާޓްމަންޓުން ވެސް ކަރަންޓު ކެނޑި، ފުރާނަ އަށް ނުރައްކާ ވަމުންދާ ކަަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރ އިޔާދު އަލް ޖަބްރީ ވިދާޅުވީ ކަރަންޓް ޖަނަރޭޓަރުތައް ހުއްޓުމަކަށް އައިސް މިހާރު އަނދިރިކަމުގެ ތެރޭގައި އޮތް މެޑިކަލް ފެސިލިޓީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށާއި ބަލިމީހުންނަށް ފަރުވާ ދިނުމަށް ދުވާލެއްގެ މައްޗަށް 4،000 ލީޓަރަށްވުރެ ގިނަ ތެޔޮ ބޭނުންވާ ކަމަށެވެ.

"ޒަހަމްވި މީހުންނާއި ކިޑްނީ ފެއިލްވެފައިވާ މީހުންނާއި ޑައިލިސިސް ފަރުވާއަށް ކަރަންޓު ބޭނުންވާ މީހުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ޕޭޝަންޓުން އެބަތިބި،". އަލް ޖަބްރީ ހޮސްޕިޓަލުގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި ތެޔޮ ނުލިބި ހޮސްޕިޓަލްގެ އޮޕަރޭޝަން މުޅިން ހުއްޓާލަން ޖެހިދާނެކަމުގެ ބިރު މިހާރު އެބަ އޮތެވެ.

"އަޅުގަނޑުމެން ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގޮވާލަނީ މިތަނަށް ކާރިސާއެއް އައުމުގެ ކުރިން 50،000 ލީޓަރުގެ ތެޔޮ ފޮނުވަން. އެހެން ނޫންނަމަ އަގު ދައްކަނީ ޒަހަމްވި މީހުން. އެއީ ހުރިހާ އެންމެންވެސް މަރުވެދާނެ ކަމުގެ ބިރު އޮތުމުން، ހާއްސަކޮށް އައިސީޔޫގައި ތިބި މީހުންނާއި އިންކިއުބޭޓަރުތަކާއި ޑައިލިސިސް ފަރުވާއަށް ބަރޯސާވާ މީހުން،". އޭނާ ވިދާޅުވިއެވެ.