ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ ސުކޫލެއްގައި ކުޅެން ތިބި ކުޑަކުދިންތަކަކަށް ހަމަލާދީފިއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުން ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ހުރި ސުކޫލަކަށް ހަމަލާދީފައި ވާއިރު އެ ވަގުތު އެ ސުކޫލުގައި ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިން ތިބި ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން މި ހަމަލާގައި މިހާތަނަށް ފަލަސްތީނުގެ 10 ރައްޔިތުން ޝަހީދުވެފައިވާ އިރު 17 މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށް ފަލަސްތީނުގެ މީޑިއާތަކާއި ހަވާލާދީ އަލް ޖަޒީރާ އިން ވަނީ ރިޕޯޓްކޮށްފައެވެ. ޔަހޫދީންގެ މި އަނިޔާވެރި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މަންޒަރުދުން ފަރާތްތަކުން ވަނީ އަލް ޖަޒީރާ އަށް ކިޔައިދީފައެވެ.

" އަހަރެމެންގެ ދަރިންގެ މައްސަލައަކީ ކޮބާ. އެ ކުދިން ތިބީ ސުކޫލުގައި ހަމަޖެހިގެން ސުލްހަވެރި ކަމާއި އެކީ ކުޅެން. އެކުދިން އެހެން ކުޅެއް ތިއްބާ ކުއްލިއަކަށް ޔަހޫދީން އެ ކުދިންގެ ބޮލަށް އެ އެޅީ ބޮން. އަހަރެންގެ ދަރިފުޅު ވެސް މި ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވި" ފަލަސްތީނުގެ ބެލެނިވެރި އެއް އަލް ޖަޒީރާ އަށް ކިޔައިދިނެވެ.

ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ މި ރަހުމް ކުޑަ ހަމަލާގައި ޒަހަމްވި މީހުން މިހާރު ވަނީ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައި ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކުގައި ދަނީ ވަރުގަދަ އަށް ހަނގުރާމަ ކުރަމުންނެވެ.