އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ސިޓީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގައި މިރޭ ކުރިއަށް ދިޔަ ފައިނަލް މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 2-1 އިން ސިޓީ ބަލިކޮށްގެންނެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ އިން ކާމިޔާބުކޮށްފައި ވަނީ އާސެނަލް އިންނެވެ. އާސެނަލް އިން 14 ތަށި ނެގިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް މިރޭ މެންޗެސްޓާ ޔުނައިޓެޑް ނުކުތް އިރު، ޔުނައިޓެޑުން މިފަހަރު ލީގު ނިންމާލަން ޖެހުނީ އަށް ވަނައިގައެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފްގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ފުރަތަމަ ގޯލް ކާމިޔާބު ކުރީ މެޗުގެ 30 ވަނަ މިނެޓުގައެވެ. ސިޓީގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލް ކާމިޔާބުކޮށް ދިނީ އަލެހަންދްރޯޯ ގާނާޗޯއެވެ. މި ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވަނީސް ޔުނައިޓެޑުން ލީޑް ފުޅާ ކުރިއެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ކޮބީ މައިނޫއެވެ. މި ގޯލަށް ފަހު ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-2 ގެ ނަތީޖާ އަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެންވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ގޯލުތަކެއް ލިބި ބޭކާރުވެގެން ދިޔައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް މެންޗެސްޓާ ސިޓީން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫއެވެ. މި އާއެކު މެޗު ނިމުނީ ޔުނައިޓެޑް 2-1 އިން މޮޅުވެގެންނެވެ.

މި ސީޒަންގައި އާދައިގެ ކުޅުމެއް ފެނިގެންދިޔަ މެންޗެސްޓާ ޔުނައިޓެޑުން މޮޅު ކުޅުމެއް ދައްކާ ލީގުގެ ޗެމްޕިއަނުން ބަލިކޮށް އެފްއޭކަޕް ކާމިޔާބުކޮށް ޔުނައިޓެޑުން މި ވަނީ އަންނަ ސީޒަންގައި ޔޫރަޕާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.