ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީއަށް ހަމަލާދީ ހަ މީހަކު ޝަހީދު ކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން މި ހަމަލާދީފައިވަނީ ރާފަހުގެ ކިރްބެތް އަލް އަދަސް ސަރަހައްދުގައި ހުންނަ މީހުން ދިރިއުޅޭ ގެއަކަށް ހަމަލާދީގެންނެވެ. މި ހަމަލާގައި 6 މީހަކު ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޤިޝްތާ އާއިލާ ދިރިއުޅެމުން ދިޔަ އެގެއަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލުން ދީފައިވަނީ މިސައިލް ހަމަލާއެކެވެ.

ރަފާހުން އިތުރު 6 މީހަކު ޝަހީދުކޮށްލާފައިވާއިރު، މިމަހުގެ 24 ވަނަ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުން ވަނީ ނިރުބަވެރި އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް އަމުރު ކޮށްފައެވެ. ދުނިޔޭގެ ކޯޓުން އެފަދަ އަމުރެއް ކޮށްފައިވަނިކޮށް، ނިރުބަވެރިން މިފަދަ ހަމަލާއެއް ދީފައިވާތީ ބައެއް ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ދުނިޔޭގެ ކޯޓުން ކުރި އަމުރާއި ގުޅިގެން އިސްރާއީލުން ބުނެފައިވަނީ އަސްކަރީ އޮޕަރޭޝަންތަކެއް ރަފާހުގައި ނުހިންގާ ކަމަށާއި ރަފާހުގައި އެއްވެސް ވަރަކަށް ގަތުލުއާންމެއް ވެސް ނުހިންގާ ކަމަށެވެ. އަދި އިސްރާއީލުން ކުރަމުން އަންނަ ކަމަކީ ބައިނަލްއަގުވާމީ ޤާނޫނުން ލިބިދީފައިވާ އަމިއްލައަށް ދިފާއުވުމުގެ ހައްގުގެ ބޭނުން ކަމަށާއި ކޯޓުން ވެސް އެކަން މަނާކޮށްފައި ނުވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.