ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު 58 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުންނާއި ހަވާލާދީ، އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ޝަހީދުކޮށްލާފައިވާ 58 މީހުންނަކީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފާއިތުވި 24 ގަޑިއިރު ހިންގި އޮޕަރޭޝަންތަކާއި ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.

މީގެ ތެރެއިން ކުޑަކުއްޖަކު ހިމެނޭހެން 6 މީހުންނަކީ މިމަހުގެ 24 ވަނަ ދުވަހު ރަފާހަށް ހަމަލާ ދިނުން ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން އަމުރުކޮށްފައިވަނިކޮށް ރަފާހުން ޝަހީދުކޮށްލާފައިވާ މީހުންނެވެ. އަދި އިތުރު 6 މީހުންނަކީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.

ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރުގައި، މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި 35،900 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެކަމަކު، މި އަދަދުތައް މިއަށް ވުރެ ވެސް އިތުރުވާނެ އެވެ. އެއީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި 10،000 އަށް ވުރެ ގިނަ މީހުން ވާނެ ކަމަށް ލަފާ ކުރެވޭތީއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 80،400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.