ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިސްރާއީލުގެ މެދުތެރޭގެ ތެލްއަވީވް ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް ދިންއިރު، ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ޤަސާމް ބްރިގޭޑްސް އިން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުގެ ސިޓީއަށް ބޮޑު މިސައިލް ބެރޭޖަކުން ބޮން އެޅީ އާންމުންނާ ދެކޮޅަށް ނިރުބަވެރިން ހިންގާ ޖަރީމާތަކާއި ގުޅިގެން ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގެ މެދުތެރޭގެ ތެލްއަވީވްގައި ސައިރަން އަޅުވާ، ރޮކެޓްތައް އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެ ގައުމުގެ ނޫސްތަކުން ބުނީ ތެލްއަވީވް ސަރަހައްދުގައި 15 ގޮވުމުގެ އަޑު އިވިފައިވާ ކަމަށެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާތައް ދީފައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުން އަންނަ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް އިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ތެލް އަވީވްގެ އިތުރުން ހަރްޒްލިއާ އާއި ޕެޓާ ޓިކްވާ ފަދަ ގިނަ ސިޓީތަކަށާއި އަވަށްތަކަށް ރޮކެޓް ސައިރަންގެ އަޑު އިވިފައި ވެއެވެ.

އަސްކަރިއްޔާއާ ހަވާލާދީ ޓައިމްސް އޮފް އިސްރާއީލުން ބުނެފައިވާގޮތުގައި ޣައްޒާއިން 10 ވަރަކަށް ރޮކެޓް ފޮނުވާލާފައި ވެއެވެ.

އަދި އިސްރާއީލުގެ ދިފާއީ ނިޒާމުތަކުން ގިނަ ރޮކެޓްތަކެއް ހުއްޓުވާފައިވާ ކަމަށާއި އެހެން ބައެއް ރޮކެޓްތައް އެކި ސަރަހައްދުތަކަށް ވެއްޓުނު ކަަމަށް ބުނެފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ ދެކުނުގެ ރަފަހް ސަރަހައްދުން އަށް ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.

އިސްރާއީލުން ދަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ޣައްޒާ އަށް އަރައިގަނެ ހަމަލާތައް ދެމުންނެވެ. ހާއްސާކޮށް ފަރަަހްގައި އޮޕަރޭޝަނަތަކެއް ހިންގަމުންދާއިރު، ޣައްޒާގައި މެދުކެނޑުމެއް ނެތި މި ހަަމަލާތައް ދެމުންގެންދާތާ މިހާރު 233 ދުވަސް ވަނީ ވެފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 35،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.