ޖައްބާރު ޔަހޫދީން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގައި ހުންނަ ކޭމްޕަކަށް ހަމަލާދީ، ދިރިތިއްބާ އަންދާލި މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.

ނިރުބަވެރިން މި ހަމަލާދީފައިވަނީ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގެ ހުޅަނގުގައި ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ޓަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށެވެ.

މި ހަމަލާ ދީފައި ވަނީ 8 ނުވަތަ 10 ވަރަކަށް ގޮވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެންނެވެ. މި ހަމަލާ ދިނުމާއެކު އެތަނުގައި އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރުނެވެ. އަދި އެތަނުގައި ނިދާފައި ތިބި އެތައް ބައެއްގެ ގައިގައި ރޯވިއިރު، ދިރިތިއްބާ ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ރަފަހުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އިސްރާއީލުން ދިން ހަމަލާގައި މިހާތަނަށް 45 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 23 އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ.

މި ހަމަލާގައި 249 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 36،050 މީހުން ޝަހީދުވެ، 81،026 މީހުން ޒަހަމްވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ އެ ގައުމުގެ ގަޑިން 8:45 އެހާކަންހާއިރު އެ ކޭމްޕަށް 8 މިސައިލް ހަމަލާ ވަނީ ދީފައެވެ.

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އާ ހަވާލާދީ ވަފާ ނިއުސް އެޖެންސީން ބުނީ ތަލް އައް ސުލްތާން ސަރަހައްދުގައި ހުންނަ ޓެންޓުތަކުގެ ތެރޭގައި ގިނަބަޔަކު "ދިރިތިއްބާ އަންދާލާފައިވާ" ކަމަށެވެ.

އަލްޖަޒީރާގެ ސަނާދު ފެކްޓް ޗެކިން އެޖެންސީން ބުނީ ހަމަލާތައް އަމާޒުކޮށްފައި ވަނީ ރަފަހް ހުޅަނގުގައި އޮންނަ ބްރިކްސް ކޭމްޕަށް ކަމަށެވެ.

މިމަހުގެ 24 ވަނަ ދުވަހު ނަގާފައިވާ އޭރިއަލް ފޮޓޯއަކުން ފެންނަނީ ޔޫއެންއާރްޑަބްލިއުއޭ ގުދަނެއް ކައިރީ، އެ ސަރަހައްދުގައި އެތައް ސަތޭކަ ޓެންޓެއް ހަދާފައިވާ ތަނެވެ.

އިސްރާއީލުން މި ހަމަލާ ދީފައި ވަނީ އިއްޔެ ހަމާސް ޖަމާއަތުން އިސްރާއީލުގެ ތެލްއަވީވް ސިޓީއަށް ދިން ރޮކެޓް ހަމަލާގެ ފަހުންނެވެ.