ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީއަށް ހަމަލާއެއްދީ، ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ދައުލަތުގެ މީޑިއާ "ވަފާ" ނޫހުން ބުނި ގޮތުގައި ނިރުބަވެރި އިސްރާއީލުން މި ހަމަލާ ދީފައިވަނީ ރަފާހުގައި ހުރި ގެއަކަށެވެ. މި ހަމަލާގައި އެކުއްޖާ ޝަހީދުކޮށްލާފައިވާއިރު، ހަމަލާގައި އިތުރު ގިނަ ބަޔަކަށް އެކިވަރުގެ ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ޝަހީދުކޮށްލި ކުއްޖާގެ އުމުރާއި އެކުއްޖާއާއި ބެހޭ މައުލޫމާތެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނިރުބަވެރި އިސްރާއީލުން މިއަދުގެ ވަގުތެއްގައި މި ހަމަލާދީފައިވާއިރު، މި ހަމަލާގެ އިތުރުން ވެސް ޣައްޒާގެ އިރުމަތީގައި އޮންނަ ޝުޖަޔާ ސަރަހައްދުގެ ގެއަކަށް ވެސް ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކު ޝަހީދުވެފައިވާ ކަމަށް އަދި މީޑިއާތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، އެއްގަމު މަގުން ޣައްޒާއަށް ވަދެފައިވާ ނިރުބަވެރި ސިފައިން އަންނަނީ ބައެއް ސަރަހައްދުތައް ބަލައި ފާސްކޮށް، އާންމުން ހައްޔަރުކޮށް، އިމާރާތްތައް ސުންނާފަތި ކުރަމުންނެވެ. އަދި ފަލަސްތީނުގެ މުޖާހިދުންނާއި ކުރިމަތިލުންތަކެއް ވެސް ވަނީ ހިންގަމުންނެވެ.

ޣައްޒާ ތެރެއަށް ވެދެ ނިރުބަވެރިން ހިންގަމުން އަންނަ ކުރިމަތިލުންތަކުގައި މިހާތަނަށް އިސްރާއީލް ސިފައިންގެ 299 މީހަކު މަރާލާފައިވާ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.