ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަކި ސަރަހައްދެއްގައި ވަކި ވަގުތަކަށް މެދުކަނޑާލަން ނިންމައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހަނގުރާމަ މެދުކަނޑާލަން ނިންމާފައިވަނީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމުގެ ބޭނުމުގައެވެ. އެގޮތުން ޣައްޒާގެ ދެކުނުގެ މަގެއްގައި ހިނގަމުން އަންނަ ހަނގުރާމަ ވަކި ގަޑިއަކު ހުއްޓާލާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހަނގުރާމަ މެދުކަނޑާލަނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 7:00 އާއި ހަމައަށެވެ. އަދި މިކަން ވަކި ގޮތެއް އަންގަން ދެން ކުރިއަށްދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިސްރާއީލް ސިފައިންގެ 8 މީހަކު އިއްޔެ މަރާލާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ މޭއި މަހުގެ ތެރޭގައި ޣައްޒާގެ ރަފާހަށް ދިން ހަމަލާތަކުގެ ސަބަބުން މިލިއަނެއްހާ މީހުން ގެދޮރު ގެއްލި، އެހީއަށް ބޭނުންވެފައިވާކަން އެހީދޭ ޖަމިއްޔާތަކުން ދިޔައީ އިންޒާރުދެމުންނެވެ. އެއީ އިސްރާއީލުން ޣައްޒާއަށް އެހީ ވަންނަ ހުރިހާ މަގެއް ބަންދުކޮށްފައިވާތީއެވެ.

ޣައްޒާއަށް އެހީ ވެއްދުމުގެ ބޭނުމުގައި އިސްރާއީލުން ހަނގުރާމަ ވަކި ވަގުތަކަށް މެދުކަނޑާލުމަށް ނިންމާފައިވާއިރު، މި ހަނގުރާމައަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ކުރަމުން އަންނަ ހަނގުރާމައެކެވެ. ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.