އެހީ ވެއްދުމަށް، ޣައްޒާގެ ވަކި ސަރަހައްދެއްގައި ހަނގުރާމަ މެދުކަނޑާލަން އިސްރާއީލުން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުރިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޣައްޒާއަށް އެހީ ވެއްދުމަށް، ޣައްޒާގެ ދެކުނުގެ މަގެއްގައި ހެނދުނު 8:00 އިން ރޭގަނޑު 7:00 އަށް ހަނގުރާމަ މެދު ކަނޑާލާނެ ކަމަށެވެ. އަދި އެކަން ވަކި ގޮތެއް އަންގަން ދެން ކުރިއަށްދާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

"އެކްސް"ގައި މި ޕޯސްޓް ކުރިތާ ގަޑިއިރެއް ނުވަނީސް ހިބްރޫ ބަހުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި އިސްރާއީލް ސިފައިން ބުނެފައިވަނީ ޣައްޒާގެ ދެކުނުގައި ހަނގުރާމަ ކުރިއަށްދާނެ ކަމަށާއި އެހީ ވެއްދުން ހަމައެކަނި ކުރިއަށްދާނީ އެކަމަށް ހާއްސަ ކޮށްގެން ގާއިމު ކޮށްފައިވާ ބަނދަރު ސަރަހައްދުން ކަމަށެވެ.

ޣައްޒާގެ ދެކުނުގެ މަގެއްގައި ހަަނގުރާމަ މެދުކަނޑާލާނެ ކަމަށް އިސްރާއީލުން ބުނެފައިވަނީ ވެސް އިއްޔެގެ ވަގުތެއްގައި ޣައްޒާގެ ރަފާހުގައި އިސްރާއީލުގެ 8 މީހަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ. އެހެން ކަމުން އެފަދަ ވަގުތެއްގައި ހަނގުރާމަ މެދުކަނޑާލަން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އިސްރާއީލުގެ އަސްކަރިއްޔާއަށް ވަނީ އަމާޒުވެފައެވެ.

ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލް ސިފައިން ހަނގުރާމަ މެދުކަނޑާލަން ނިންމި ނިންމުން އެގައުމުގެ ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓްއާއި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް ނޭނގެއެވެ. އަދި މިކަމާއި ގުޅިގެން ޔޯވް ބުނެފައިވަނީ އެފަދަ ކަމަކަށް ހުއްދައެއް ދީފައި ނުވާނެ ކަމަށެވެ.

އިސްރާއީލުގެ ބޮޑު ވަޒީރަށާއި ޑިފެންސް މިނިސްޓަރަށް ނޭނގި މިފަދަ ޓުވިޓެއް ކޮށްފައިވާތީ ގިނަ ބަޔަކު ވަނީ އިސްރާއީލުގެ އަސްކަރިއްޔާއަށް ފާޑު ކިޔާފައެވެ.