ޑެންގީ ހުން ޖެހިގެން 7 ކުޑަކުދިންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ، އާންމު ގޮތެއްގައި ކުޑަކުދިން ޑޮކްޓަރަށް ދައްކަނީ ހުން އައިސް، ކެއްސާތީ އަދި ރޯގާ ޖެހިގެން ކަމަށެވެ.

މިވަގުތު ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން 7 ކުއްޖަކަށް ފަރުވާދެމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭގެތެރެއިން އެއްކުއްޖަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"ޑެންގީހުން ވަރަށް ގިނަ، ބާއްވައިގެން މިހާ އަދަދެއްގެ ކުދިންނަށް ފަރުވާދެމުންދާއިރު، ބަލި ކުޑަކޮށް ހުއްޓަސް ނާންނަ ކުދިންގެ އަދަދު ވެސް އިތުރުވާނެ. ހުމާއި ރޯގާ މިދުވަސްކޮޅު އިތުރު" ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ، މިދުވަސްވަރު ފާނަބަސަންދު ވޭދަނަތއް ވެސް އިތުރުވެފައިވާ ކަމަށެވެ.

އެ ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށާއި ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދެވަނަ ޑޯޒް އަކީ ބޫސްޓަރ ޑޯޒްއެއް ކަމަށް ވިދާޅުވިއެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ، ވެކްސިން ޖެހެނީ އުމުރުން 1 އަހަރުން މަތީގެ ކުދިންނާއި ބޮޑެތި މީހުންނަށް ކަމަށެވެ. އަދި މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވެކްސިން ނުޖެހޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ހުން ޖެހިގެން މިދިޔަ މަހު އެކަނި 610 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 610 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. އޭޕްރީލް މަހާ އަޅާބަލާ އިރު، މެއި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފިވާ ކަމަށް އެޗްޕީއޭ މައުލޫމާތު ދެއެވެ. އޭޕްރީލް މަހު ޑެންގީ ހުން ޖެހިފައިވަނީ 247 މީހަކަށެެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހުގައި ރޯގާގެ ރިޕޯޓްތައް ވަނީ ދަށްވެފައެވެ. އޭޕްރީލް މަހު 22،736 އަރިދަފުސް ރޯގާގެ ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ. އަދި މެއި މަހު 21،720 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މެއި މަހު އެ ބައްޔަށް 21 މީހަކު ވަނީ ފައްސިވެފައެވެ. އޭޕްރީލް މަހު އަށް މީހަކު އިންފްލުއެންޒާއަށް ވަނީ ފައްސިވެފައެވެ. މިއަހަރު މިހާތަނަށް 1139 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އަދި 161 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ފަޅޯފަތު ދިޔަ އަވަހަށް ދެއްވާ.
    ޑެންގީއަށް ރަނގަޅު ފަރުވާއެއް

  2. Anonymous

    ފަޅޯފަތު ދިޔަ އަވަހަށް ދެއްވާ.
    ޑެންގީއަށް ރަނގަޅު ފަރުވާއެއް
    ޝިފާ ދެއްވާ ފަރާތަކީ ﷲ

  3. ޙެހެހ

    މި ޑރ. ޢެބަޖެހޭނު ވިސްނާފަ ވާހަކަ ދައްކަން ، މީނަ ވާހަކައެއް ދައްކާލާ ކޮންމެ ފަހަރަކު ހީވަނީ ބޮޑު މުސީބާތެއް ލައްވާލައިގެން އުޅޭހެންވިއްޔާ ، ބަލިތައްވެސް ނޫޅެޔެކޭ ނޫން ، އެކަމަކު މި ޑރ. ޢެއްޗެއް ބުނެލާއިރު ވަރަށް ނުރައްކާ