ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އެމްބިއުލާންސަކަށް ހަމަލާއެއް އަމާޒުކޮށް ދެ މީހަކު ޝަހީދު ކޮށްލައިފިއެވެ.

"އަލްޖަޒީރާ" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރި އިސްރާއީލުން މި ހަމަލާދީފައިވަނީ ރަފާހުގެ ޓަލް އައްސުލްތާން ސަރަހައްދުގައެވެ. އެ ސަރަހައްދަށް ދިން ހަމަލާއެއްގައި 2 މީހަކު ޝަހީދުކޮށްލާފައިވާއިރު، އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެމްބިއުލާންސަކަށް ވެސް ނިރުބަވެރި އިސްރާއީލުން ވަނީ ހަމަލާތަކެއް ދީފައެވެ.

އެމްބިއުލާންސަށް ދިން ހަމަލާގައި އެމްބިއުލާންސަށް އެކިވަރުގެ ގެއްލުން ވި ނަމަވެސް އެހާދިސާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ރަފާހުގެ ހުޅަނގުން އޮންނަ ސުލްތާން ސަރަހައްދަކީ މި ހަނގުރާމައިގެ ތެރޭގައި ގެދޮރު ގެއްލިފައި ތިބި ގިނަ އަދަދެއްގެ ބަޔަކު އުޅެމުން އަންނަ ސަރަހެއްދެކެވެ. މި ހަމަލާގެ އިތުރުން ވެސް މީގެ ކުރިން އިސްރާއީލުން ވަނީ އެ ސަރަހައްދަށް ހަމަލާތަކެއްދީ، ގިނަ ގެތަކެއް ހަލާކު ކޮށްލާފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، ފަހަކަށް އައިސް ދެމުން އަންނަ ހަމަލާތަކަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ދެކޮޅަށް ދިން ވަރުގަދަ ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ.

މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 80،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސް

    އަލްހަމްދު لله، ނަސްރާއި ކާމިޔާބު ލިބުންވަނީ ޣައްޒާގެ ރައްޔިތުންނަށް، މުޑުދާރު ޒައިނިސްޓުން އެބިމުން ގެއްލެނި ކުރައްވާ ، ވިއްސިވިހާލި ކޮށްދެއްވާންދޭ ޔާ الله