ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާގެ އަސްކަރީ މަރުކަޒެއްގައި ރޯވެ އަނދަން ފަށައިފިއެވެ.

"ޓައިމްސްއޮފްއިސްރާއީލް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޯވެފައިވަނީ ހުޅަނގު އައްސޭރީގައި ހުންނަ އެޓްޒިއޮން ރީޖަނަލް ބްރިޖޭޑްގެ މަރުކަޒުގައެވެ. އެސަރަހައްދުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އިސްރާއީލުގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އިދާރާއިން ބުނީ، އަސްކަރީ މަރުކަޒުގައި ރޯވެފައިވަނީ އެޓިޒޮންގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ރޯވުމަށްފަހު ކަމަށެވެ. އަދި މިހާރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި އެސަރަހައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ކުރަމުން އަންނަ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

އަލިފާން ރޯވަން މެދުވެރި ސަބަބު މިހާތަނަށް އިސްރާއީލުން ހާމަކޮށްފައި ނުވާއިރު، ލުބުނާނުން އިސްރާއީލަށް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް މީގެ ކުރިން އިސްރާއީލުން ވަނީ ބުނެފައެވެ. އެގޮތުން އިސްރާއީލުން ބުނީ ލުބުނާނުގެ ސަރަހައްދުން އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަން ޑްރޯނެއް އަޕާ ގަލިލީ ސަރަހައްދަށް ވައްޓާލާފައިވާ ކަމަށެވެ.