"ދަ ލާސްޓް ކިންގްޑަމް"ގެ ތަރި އެޑްރިއަން ޝިލާ އުމުރުން 60 އަހަރުގައި މަރުވެއްޖެއެވެ.

އޭނާގެ އެޖެންޓެއް ކަމަށްވާ އަމަންޑާ އިވާންސް ވަނީ އެޑްރިއަން ޝިލާ މަރުވިކަން ކަށަވަރު ކޮށްދީފައެވެ. އޭނާ މަރުވުމަކީ އާއިލާ އަށާއި ގާތް އެކުވެރިންނަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށްވެސް އަމަންޑާ ވަނީ ބުނެފައެވެ.

އޭނާގެ މަރަކީ ކުއްލި އަދި ހީވެސް ނުކުރާ މަރެއްގެ ގޮތުގައި އަމަންޑާ ފާހަގަ ކުރިއެވެ.

އަމަންޑާ ސިފަ ކުރިގޮތުގައި އެޑްރިއަންއަކީ އަޖައިބު ކުރުވަނިވި ހުނަރުވެރި އެކްޓަރެކެވެ. އަދި ސެން ފްރެންސިސްކޯގައި ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓުއަރ އަށް ވެސް ވަރަށް ކެތްމަދުވެފައި ހުރި ކަަމަށް ބުނެފައިވެއެވެ.

އަމަންޑާ ބުުނީ އޭނާ އަކީ މީޑިއާގެ ވެސް ވަރަށް މަގްބޫލު އަދި މީހުންގެ ލޯބި ވަރަށް ބޮޑަށް ލިބިފައިވާ މީހެއް ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި އާއިލާ އަށް ކެތްތެރިކަން ދެއްވުމަށާއި އާއިލާ އަށް ވަގުތު ދިނުމަށްވެސް ވަނީ އެދިފައެވެ.

އެޑްރިއަން ޝިލާ އަކީ މާސްޓަޕީސް ސީރީޒް ވިކްޓޯރިއާގައި މިސްޓަރ ޕެންގޭގެ ރޯލު އަދާކުރުމުގެ އިތުރުން ރިޑްލީ ސްކޮޓްގެ ހެލްމެޑް އެޗްބީއޯ މެކްސް ސީރީޒް، ރެއިސްޑް ބައި ވޯލްވްސްގައި އޮތޯގެ އަޑު ފޯރުކޮށްދިނުމުން ވެސް މަޝްހޫރު މީހެކެވެ.

އެކްޓަރު ވަނީ ގިނަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭނާ ވަނީ 2017 ވަނަ އަހަރު "ބިއުޓީ އެންޑް ދަ ބީސްޓްގެ ލައިވް އެކްޝަން ރީއިމިޖިނިން"ގައި މޮންސިއާ ޑިއާކްގެ ރޯލު އަދާކޮށް، 2015 ވަނަ އަހަރު ސުފްރެޖެޓްގައި ޑޭވިޑް ލޮއިޑް ޖޯޖްގެ ރޯލުން ފެނިގެން ގޮސްފައެވެ. އަދި 2009 ވަނަ އަހަރު ރިލީޒްކުރި ބްރައިޓް ސްޓާ އާއި 2015 ވަނަ އަހަރު އޮސްކާ ހާސިލްކުރި ދަ ޑެނިޝް ގާލްގައި ވެސް އޭނާ ފެނިފައިވެއެވެ.