ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓްގެ މެދުގައި މިހާރު ހިނގަމުންދާ ގާނޫނީ މައްސަލައިގެ ތެރެއިން، އެންޖެލީނާ އޭނާގެ ދަރިންނަށް ނުފޫޒު ފޯރުވައި، ޒިޔާރަތްތަކުގައި ބައްޕައާއެކު ވަގުތު ހޭދަ ކުރުން ހުއްޓާލުމަށް އެންގި ކަމަށް ބެލެވޭ ކަމަށް އާ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

ޕީޕަލް މަޖައްލާއިން ބުނި ގޮތުގައި މި ވާހަކަތައް ތަފްސީލުކޮށް ދީފައި ވަނީ ކުރީގެ ދެމަފިރިންނާާއެކު މަސައްކަތް ކުރި ސެކިއުރިޓީ ގާޑެއް ކަމަށްވާ ޓޯނީ ވެބް ހުށަހެޅި ކޯޓު ލިޔުންތަކުގައެވެ.

2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އެންޖަލީނާއާއެކު މަސައްކަތް ކުރި ވެބް ތުހުމަތު ކުރާ ގޮތުގައި ބްރެޑް އާއި އެންޖަލީނާގެ ކަސްޓަޑީ ހަނގުރާމައިގައި ދެ ބޮޑީގާޑުން ހެކިބަސް ދިނުން ހުއްޓުވަން މައިކަލް ވިއޭރާ ނަމަކަށް ކިޔާ މީހަކު އޭނާއަށް ގުޅިއެެވެ.

ވެބްގެ ބަޔާނުގައި ވާގޮތުން ބޮޑީގާޑުން ހެކިބަސް ދިނުން ހުއްޓުވުމަށް ވިއޭރާ އެދުނީ އެންޖެލީނާއެކު ނޮން ޑިސްކްލޯޒާ އެގްރީމެންޓް (އެންޑީއޭ) ގައި ސޮއިކޮށްފައިވާކަން ފާހަގަކުރަމުންނެވެ.

ޕީޕަލް މަޖައްލާއިން ބުނި ގޮތުގައި އެންޑީއޭ ހެދި ނަމަވެސް ބޮޑީގާޑުންގެ ތެރޭގައި ހިމެނޭ ރޮސް ފޮސްޓާ ވަނީ އެންޖެލީނާގެ ފަރާތުން އަޑުއިވުނު ކަމަށް ބުނާ ވާހަކަތަކާއި އުޅޭ ގޮތުން ހެކިބަސް ދޭން ނިންމާ، ކަސްޓަޑީ ވިޒިޓްތަކުގައި ބެރެޑް ވަގުތު ހޭދަ ނުކުރުމަށް ކުދިންނަށް ހިތްވަރު ދީފައިވާ ކަމަށް ބުނެފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އެންޖެލީނާ ޖޮލީގެ ގާނޫނީ ވަކީލެއް ކަމަށްވާ ޕޯލް މަރްފީ ވަނީ އެއީ ބްރެޑް އޭނާގެ އަމަލުތައް ފޮރުވަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

ވިޔަފާރީގެ މައްސަލަ ފެމިލީ ކޯޓުގެ މައްސަލަތަކާ ގުޅޭ ސައިޑްޝޯއަކަށް އެންޖެލީނާ ބަދަލުކުރި ކަމަށް ބްރެޑްގެ ވަކީލުން ތުހުމަތު ކުރެއެވެ. އެންޖެލީނާގެ ވަކީލުން ވަނީ އެ މީހުންގެ ކަސްޓަޑީ ހަނގުރާމައާ ގުޅުން ހުރި ބަންދުކޮށްފައިވާ ލިޔުންތައް އާންމު ކުރާނެ ކަމުގެ ބިރު ބެރެޑްއަށް އޮތް ކަމަށް ބުނެފައެވެ.

ޒިޔާރަތްތަކުގައި ބެރެޑް ދުރުވުމަށް އެންޖެލީނާ ހިތްވަރު ދިން ކަމަށް ބުނާ ތުހުމަތުތަކުގެ ސަބަބުން ހޮލީވުޑްގެ ކުރީގެ މި ދެމަފިރިންގެ މެދުގައި މިހާރުވެސް އުފެދިފައިވާ ގާނޫނީ މަރުހަލާތަކަށް އިތުރު ނުތަނަވަސްކަމެއް އިތުރުވެގެން ދެއެވެ.

ބެރެޑް އާއި އެންޖެލީނާ ގުޅުނީ 2004 ވަނަ އަހަރެެވެ. އަދި 2014 ވަނަ އަހަރު ކައިވެނި ކުރިއިރު، ދެމަފިރިންގެ 6 ދަރިން ތިބެއެވެ. އޭގެ ތެރޭގައި އެޑޮޕްޓް ކުރި ކުދިންވެސް ހިމެނެއެވެ.