ހެރީ ސްޓައިލްސް އާއި ޓައިލާ ރުސެލް އެއް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ބްރޭކްއަޕް ވެއްޖެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ބްރޭކް އަޕް ވުމުގެ ކުރިން އޭޕްރިލް މަހު އެމީހުންގެ ޖަޕާން ޓްރިޕްގައި ވެސް ޕެޗްއަޕް ވުމެއް ދިޔަ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް މިހާރު މި ދެ ތަރިން ވެސް ވަކިވެފައިވާ ކަމަށް މިވަނީ ހާމަވެފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން އިނގިފައިވާ ގޮތުގައި ފުރަތަމަ ކޮޅު މި ދެ ތަރިން ވަރަށް ލޯބިން އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ފަހުން އައިސް ގުޅުން ހީނަރު ވެގެން މައްސަލަ ޖެހެން ފެށިކަމަށް ބުނެފައިވެއެވެ.

މި ދެ ތަރިން އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ ޖޫން 2023 ގައެވެ. ހަމަ އެ އަހަރުގެ ޖުލައި މަހު ވިއެނާގައި ޓައިލާގެ " ލަވް އޮން ޓުއަރ ސްޓޮޕް" ގެ އޯޑިއަންސުންވެސް ހެރީ ފެނިގެންގޮސްފައި ވެއެވެ.

އެ ދެ ތަރިންގެ ގުޅުމާ ބެހޭ ގޮތުން ދުވަހަކުވެސް އާންމުކޮށް ހުޅުވާލެވިފައެއް ނުވެއެވެ. ނަމަވެސް ޓައިލާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމަށް އާންމުންގެ ހުންނަ ޝައުގުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.