މަޝްހޫރު ބޭންޑެއް ކަމަށްވާ ދަ ޖޯނަސް ބްރަދާސް ގެ ތެރެއިން ޖޯއީ ޖޯނަސް އާއި އޭނާގެ ލޯބިވެރިޔާ ސްޓޯމީ ބްރީ ރުޅިވެއްޖެ ކަމަށް ރިޕޯޓް ތަކުން ބުނެފިއެވެ.

މިދިޔަ މަހު މި ދެފަންނާނުން ރައްޓެހި ވެގެން އުޅޭކަން ވަނީ ކަށަވަރު ކޮށްދީފައިވީ ނަމަވެސް އެމީހުންގެ ލޯބީގެ ގުޅުމަށް މާ ގިނަ ދުވަހެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރައްޓެހިވެގެން އުޅޭތާ 5 މަސް ފަހުން މި ފަންނާނުން ވަނީ އެމީހުންގެ ލޯބީގެ ގުޅުން ކުރިއަށްނުގެންދަން ނިންމައިފިއެވެ.

ސިޑްނީގެ ބޮންޑީ ބޯލިން ކުލަބުގެ މެޗެއްގެ ތެރެއިން ކެވިން ޖޯނަސް އާއި ނިކް ޖޯނަސް އާއި އެކު މި ދެ ލޯބިވެރިން މީގެ ކުރިން ފެނިގެންގޮސްފައި ވެެވެ.

ޓައި ޑައި ގަމީހަކާއި ހުދު ސޯޓެއްގައި ޖޯއީ ވަރަށް ކުޅިވަރުގެ ޖޯޝުގައި ފެނިގެންދިޔަ އިރު ސްޓޯމީ ފެނިގެން ދިޔައީ ވަރަށް ސިމްޕަލް ކަޅު ހެދުމެއްގައި ކަކުލާއި ހަމައަށް އަރާ ވަރުގެ ބޫޓަކަށް އަރައިގެން ހުރި މަންޒަރެވެ.

ވައިރަލް ވެގެންދިޔަ ފޮޓޯއަކުން ފެނިގެންދަނީ ސްޓޯމީ އާއި ޖޯއީ އަތާއި އަތް ޖޯޑު ކޮށްލައިގެން ތިބޭ މަންޒަރެވެ.

ބޮންޑި ބައުލިން ކުލަބުގެ މެޗުތައް ބެލުމަށް މި ދެ ފަންނާނުން ދިޔަ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

ރައްޓެހިވެގެން އުޅޭކަން ކަށަވަރު ކުރުމުގެ ހަފްތާއެއް ކުރިންވެސް ޖޯނަސް ތިން ބެއިންނާ އެކު ސްޓޯމީ ފެނިގެން ގޮސްފައި ވެއެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޖޯއީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ ކަމެވެ. އޭނާ ކައިވެނި ކޮށްފައިވަނީ ސޯފީ ޓާނާއާއެވެ. އެމީހުންގެ ކައިވެންޏަށް ވަނީ ލޯބި ދެ ކުދިންވެސް ލިބިފައެވެ.

އެމީހުންގެ ކައިވެނި ރޫޅިފައިވަނީ 2023 ވަނަ އަހަރުއެވެ.