ބަނޑަށް ނުވަ މަސް ފުރިފައިވާ ޖަޕާނު އަންހެނަކު ވިހެއުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން ފިރިމީހާއަށް 30 ދުވަހުގެ ރޭގަނޑުގެ ކެއުން ތައްޔާރުކުރަން ރާވާފައިވާ ކަން ހާމަކުރުމުން ދެން އެކަން މިވީ ބޮޑު ބަހުސް އަކަށެވެ.

އެ އަންހެން މީހާ ކިޔައިދިން ގޮތުގައި ޕޯސްޓްޕާޓަމް ރިކަވަރީއަށް ދާނީ އޭނާގެ މައިންބަފައިންގެ ގެއަށެވެ. އެހެނެްކަމުން އޭނާ ނެތް ވަގުތުތަކުގައި ފިރިމީހާ ރަނގަޅު ކާއެއްޗެހި ކާތޯ ބަލަން ބޭނުންވާ ކަމަށް އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެެވެ.

ނަމަވެސް ފިރިމީހާއަށްޓަކައި ހަށިގަނޑަށް ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ މަގްސަދުގައި އަންހެން މީހާ ކުރި އޯގާތެރިކަމުގެ އަމަލަށް އެކި ގޮތްގޮތަށް ވާހަކަދެއްކި ލައްކަ ބަޔަކު އެބަތިއްބެވެ. ބައެއް މީހުން އޭނާގެ ވިސްނުމާއި އާއިލާއަށްޓަކައި ވާ ގުރުބާނީއަށް ތައުރީފު ކުރިއިރު އަނެއް ބަޔަކު ވަނީ ހަމައެކަނި އަނބިމީހާ ތައްޔާރުކުރާ ކެއުމަށް ފިރިމީހާ ބަރޯސާވާ ކަމަށް ބުނެ ރަށް ބޮޑަށް ފާޑުކިޔާފައެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުގައި ވާގޮތުން މިކަން އެނގުނީ އެ އަންހެން މީހާ އޭނާގެ ފިރިމީހާއަށް ތައްޔާރުކުރަމުން ދިޔަ ކެއުމުގެ ފޮޓޯއެއް އެކްސްގައި ހިއްސާކުރުމުންނެވެ. އަންހެން މީހާ އިތުރަށް ބުނެފައިވާގޮތުން އޭނާ ވިހަން ދީފައިވާ ތާރީހަކީ މެއި މަހުގެ 21 ވަނަ ދުވަހެވެ.

އެ އަންހެން މީހާގެ މަސައްކަތަށް ބައެއް މީހުން ތައުރީފުކުރި ނަމަވެސް ގޭތެރޭގެ އަސާސީ ކަންކަން ފުރިހަމަ ކުރުމުގެ ހުނަރު ފިރިހެނުންގެ ކިބައިގައި ހުރުމުގެ މުހިއްމުކަން ފާހަގަކޮށްފައި ވެއެވެ.

"ފިރިހެނުންނަކީ ހަގީގަތުގައި އަނބިންގެ އަޅާލުމެއް ނެތި މާގިނަ ދުވަހެއް ދެމިތިބޭނެ ބައެއް ނޫން. އޭގެ މަހެއްހާ ދުވަސް ފަހުން އެނބުރި އައި ނަމަ ގެއިން ފެންނާނީ މަރުވެފައި އޮތް މަސްގަނޑު އެކަނި،". އެކަކު ލިޔެފައި ވެއެވެ.

އެހެން މީހަކު ބުނީ "ފިރިމީހާ އަކީ ޖޫނިއާ ސްކޫލް ކުއްޖެއް ހެއްޔެވެ؟ އޭނާ އަމިއްލައަށް ކެއުން ތައްޔާރު ނުކުރެވެނީ ހެއްޔެވެ".

ބައެއް މީހުން ވަނީ ފިރިމީހާ އޭނާގެ މާބަނޑު އަނބިމީހާއަށް ކެއްކުމުގެ ހުރިހާ ޒިންމާއެއް އުފުލަން ފުރުސަތު ދިނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

"ޖަޕާނުގެ މި އަންހެން މީހާ އަކީ ވަރަށް އާދަޔާ ހިލާފު އަންހެނެއް. އޭނާ އަކީ މާބަނޑު މީހެއް. ފިރިމީހާގެ މެއިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް. ކައިވެނީގެ ކުރިން ފިރިމީހާ ކައިއުޅުނީ ކިހިނެއް؟.".