ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުން ގެނެސް ދިނުމަށް ހަމަޖެހިފައިވާ ފިލްމު "ކިލް" ގެ ޓްރެއިލާ ނެރެފިއެވެ.

މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

މި ފިލްމަކީ ދުއްވަމުންދާ ރޭލެއްގެ ތެރޭގައި އެންމެ ރެޔަކު ހިނގާ ތަޅާފޮޅުންގަނޑު ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގެ ޓްރެއިލާ އިން ފެނިގެން ދަނީ ލަކްޝްޔާގެ ލޭ އޮހޮރުވާލާފައިވާ މަންޒަރުތަކުންނާއި އޭނާގެ ކަރުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ. އެއަށްފަހު މަންޒަރު ބަދަލުވަނީ އުފާވެރި މަންޒަރަކަށެވެ.

ލަކްޝްޔާ ރޭލެއްގައި އޭނާގެ ލޯބިވެރިޔާ އަށް ލޯބި ހުށައަޅާ މަންޒަރު ފެނެއެވެ. އުފާވެރި މޫނުތަކަށް ވަރަށް އަވަހަށް ބިރުވެރިކަމުގެ ހިޔަނި އެޅިގެން ދާއިރު، ރޭލުގެ ތެރެއިން ގޭންގެއް ވެސް ފެނެއެވެ.

ރާގަވް ޖުޔާލް އެ މަންޒަރުން ފެންނަން ފަށާ ހިސާބުން ވަރަށް ބޮޑަށް ނުތަނަވަސް ވެގެންދެއެވެ. ޓްރެއިލާގައި "އާދައިގެ ސިފައިންގެ މީހެއް" ނޫން ކަމަށް ބުނާ ލަކްޝްޔާ ލޭއޮހޮރުވާލަނީ އޭނާގެ ލޯތްބާއި ގާތް މީހުން ރައްކާތެރި ކުރުމަށެވެ.

ކިލް މި ފިލްމަކީ މިދިޔަ އަހަރު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ގައި ޕްރިމިއާރ ކޮށްގެން ވަރަށް ގިނަ ތައުރީފު ލިބިފައިވާ ފިލްމެކެވެ.

މި ފިލްމަކީ ލަކްޝްޔާ ގެ ޑެބިއު ފިލްމު ކަމެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އެންމެ ފަހުން ގެނެސްދީފައިވާ ފިލްމަކީ "މިސްޓާރ އެންޑް މިސިސް މާހީ" އެވެ.