ބޮލީވުޑްގެ ތަރި ސޮނަކްޝީ ސިންހާގެ ކައިވެނީގެ ވާހަކަތައް ވަރަށް ބޮޑަށް ދަނީ ދެކެވެމުންނެވެ. އޭނާ މި މަސް ތެރޭގައި ކައިވެނި ކުރާނެ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާއިރު، މިކަމުގެ ހަގީގަތް އަދި ރަނގަޅަށް ނޭނގެއެވެ.

ސޮނަކްޝީ ޒަހީރް އިގްބާލް ކައިވެނި ކުރަން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތަކުގެ ތެރެއަށް މިފަހަރު އައީ ވެތެރަން އެކްޓަރެއް ކަަަަމަށްވާ ޕޫނަޕް ދިލޮން ސޮނަކްޝީގެ ކައިވެނީގެ ހަފްލާގެ ކާޑު ލިބިފައިވާ ކަަމަށް ދެކެވާ ވާހަކައެވެ.

އިންސްޓަންޓް ބޮލީވުޑަށް ދިން އިންޓަވިއުއެއްގައި ޕޫނަމް ވަނީ ކައިވެނީގެ ދައުވަތު ލިބުނުކަން ކަށަވަރުކޮށްދީ، ވަރަށް އަވަހަށް ކައިވެނި ކުރަން ހަމަޖެހިފައިވާ އެ ދެ ލޯބިވެރިންނަށް ވަރަށް ހިތްގައިމު މެސެޖެއް ވެސް ހިއްސާކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ކައިވެނި ކުރާނެ ކަމަށް ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މި ކައިވެންޏަށް ދެ ފަރާތުގެ އާއިލާ މެމްބަރުންނާއި ގާތް ރައްޓެހިން މިހާރު ދަނީ ވަރަށް ފޯރީގައި ތައްޔާރީތައް ވަމުންނެވެ.

"ސޮނާކްޝީއަށް ހެޔޮ އެދުންތައް އަރިސްކުރަން، ކުޑައިރުއްސުރެ އަހަންނަށް ސޮނަކްޝީ އެނގޭ. އެއީ ވަރަށް ލޯބިވާ އަންހެން ކުއްޖެއް. އޭނާއަށް ހުރިހާ އުފަލަކަށް އެދެން،". ސޮނަކްޝީގެ ކައިވެނީގެ ހަފްލާގެ ދައުވަތު ލިބުނުކަން ހާމަ ކުރަމުން އޭނާ ބުންޏެވެ.

ސޮނަކްޝީ ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަ އޭނާގެ ބައްޕައަށްވެސް ނޭނގޭ ކަމަށް ބައްޕަ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވަނީ ނިމިދިޔަ އިންތިހާބުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރިއިރު، އަދިވެސް އޭނާ ހުރީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކަމަށެވެ. ސޮނާކްޝީގެ ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނަ ބުނީ އޭނާ އަށްވެސް އެނގެނީ މީޑިއާ އަށް ވެސް އެނގޭ މިންވަރަށް ކަމަށެވެ. އިތުރު އެއްޗެއް ނޭނގޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ދެ ކުދިން އޭނާ ކައިރިން ބުނެފި ނަމަ ދެކޮޅު ނުހަދާ ހެޔޮ ދުއާ ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސޮނަކްޝީ އާއި ޒަހީރް އާއި ފުރަތަމަ ދިމާވެފަ ވަނީ ސަލްމާން ޚާންގެ ޕާޓީ އަކުންނެވެ. ޕާޓީ ތެރެއިން ފެނިގެން އެކުވެރިކަން އުފެދި ފަހުން އެގުޅުން ވަނީ ލޯތްބަށް ބަދަލު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލަކު

    ސޮނަކްސީ ވަރަށް ހިތް ހެޔޮ މަންޖެއް