ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ރޭލު ޑްރައިވަރަކަށް އެމެރިކާގެ ބޮސްޓަންގެ އުމުރުން 81 އަހަރުގެ އަންހެނަކު ހޮވިއްޖެއެވެ.

ހެލެން އެންޓެނުޗީ ނަމަކަށް ކިޔާ އެ އަންހެން މީހާ މެސަޗޫސެޓްސް ބެއި ޓްރާންސްޕޮޓޭޝަން އޮތޯރިޓީގައި މަސައްކަތް ކުރަން ފަށާފައިވަނީ އުމުރުން 53 އަހަރުގައެވެ. 1995 އިން ފެށިގެން އޭނާ ދަނީ އެ ކުންފުނީގައި ރޭލު ދުއްވަމުނެވެ.

ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ "ގިނިސް ވޯލްޑް ރެކޯޑްސް"އަށް ދިން އިންޓަވިއުއެއްގައި ހެލެން ބުނެފައިވަނީ ދުނިޔޭގެ ރެކޯޑަށް އެރުމަށް ފޯމު ލައިފައިވަނީ އޭނާއާއެކު މަސައްކަތް ކުރާ މީހެއް ކަަމަށާއި އަދި އެ ފޯމުލީ އޭނާއަށް ވެސް ނޭނގި ކަމަށެވެ.

އޭނާ ބުނެފައިވަނީ އޭނާގެ 5 އަންހެން ދަރިން ތިބޭ ކަމަށާއި ވަޒީފާއަށް ދިޔުމަކީ އޭނާއަށް ހިތްހަމަޖެހުމާއި އަމާންކަން އޭނާގެ އަމިއްލަ ނަފްސަށް ލިބޭ ހަމައެކަނި ގޮތް ކަމަށެވެ.

ހެލެން އިތުރަށް ކިޔައިދިން ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ލިބުމުން އޭނާއަށް އެކަން ގަބޫލުކުރަން ވެސް ދައްޗެވެ. ސަބަބަކީ އޭނާއަށް ނޭނގި ހުއްޓާ އެވަރު ބޮޑު ޝަރަފެއް ލިބުމެވެ. އަދި އޭނާގެ އުމުރުގެ މީހަކު މިހާރު އެކަހަަލަ ކަމެއް ނުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން އޭނާ ވަނީ އޭނާއާއެކު މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށާއި އާއިލާއަށް ޝުކުރުއަދާކޮށް، ފަސެންޖަރުން އޭނާއަށް ކުރާ އިތުބާރާއި ހިތްވަރު ބަލައިގަންނާތީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށް ބުނެފައެވެ.

82 އަހަރު ވާން ކައިރި ވެފައިވާއިރު އަދިވެސް ރިޓަޔަރ ކުރާނެ ދުވަހެއް ނުނިންމާ ކަމަށް ހެލެން ބުނެފައިވެއެވެ. މަސައްކަތަށް ނުނިކުތުމަށް އަންގަންދެން ވަޒީފާގައި ދެމިހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.