ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އިއާން މެކެލެން ލަންޑަންގެ ވެސްޓް އެންޑްގެ ނޮއެލް ކޮވާޑް ތިއޭޓަރުގައި ސްޓޭޖު މަތިން ވެއްޓިގެން އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ބީބީސީ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެކްލެން ވެއްޓިފައިވަނީ ސްޓޭޖުގައި ކުޅުނު ތަމްސީލެއްގެ ތެރެއިން ހަނގުރާމަ ކުރާތަން ފެންނަ ސީނެއް ހުށަހަޅައިދޭން އުޅުމުގެ ތެރޭގައެވެެ.

މެކެލެން ވެއްޓުމުން ލިބުނު އަނިޔާއަށް ފަރުވާ ދޭން ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އޭނާގެ ޕަބްލިސިސްޓް މެދުވެރިކޮށް ފޮނުވި މެސެޖެއްގައި ވަނީ ވަރަށް އަވަހަށް އެކަމުން އަރައިގަންނާނެ ކަމަށް ބުނެފައެވެ. އަދި ފަރުވާ ދޭ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރުއަދާކުރިއެވެ.

މެކެލެން ވެއްޓުމާއި ގުޅިގެން އޭރު ތިއޭޓަރުގައި ތިބި ހުރިހާ ފަރާތްތައް ވަނީ ތިއޭޓަރުން ބޭރުކޮށް ތަން ހުސްކޮށްފައެވެ. އަދި އެދުވަހުގެ ހަވީރު ޝޯ ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ތިއޭޓަރުގެ ފަރާތުން ވެރައިޓީ.ކޮމް އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ އުމުރުން 85 އަހަރުގެ މެކްލަން ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އޭގެ އިތުރުން، އޯޑިއަންސަށާއި އާންމުންގެ ހުރިހާ އެންމެނަށް މެކެލެން އަށް އަވަސް ޝިފާއަކަށް އެދެމުންދާތީ ޝުކުރުއަދާކުރިއެވެ.

އެދުވަހުގެ ޝޯގައި ގެއްލުންވި ހުރިހާ ފަރާތްތަަކަށް ވަރަށް އަވަހަށް ގުޅާނެ ކަމަށާއި ޝޯ ކެންސަލްވުމުގެ ބަދަލު ދޭނެ ކަމަށް ވެސް ތިއޭޓަރުން ބުނެފައިވެއެވެ.

މެކްލެން މަޝްހޫރު ވެފައިވަނީ ލޯޑް އޮފް ދަ ރިންގްސް ޓްރިލޮޖީގައި އޭނާ އަދާ ކޮށްފައިވާ ގަންޑާލްފްގެ ރޯލުންނާއި އާއި އެކްސް މޭންގައި ކުޅުނު މެގްނެޓޯ ފަދަ ރޯލުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މި މީހާއަކީ އެއްޖިންސުން ގުޅުންހިނގުމުގައި އުމުރުހުސްކޮށްލައި މުސްކުޅިވެފައިވާ މީހެއް. އައްޗީޑި

    2
    2