މަޝްހޫރު ކޮރީއޯގުރަފާ އަދި ޑައިރެކްޓަރ އެހްމެދް ޚާން އަށް ސްރީދޭވީ އައިސް ކުރީމަކުން ރިޝްވަތު ދިނުމަށްފަހު ބްރޭކް ޑާންސް ދަސްކޮށްދިނުމަށް އެދުނު ކަމަށް ބުނެފިއެވެ.

އެހްމެދް ޙާން އާއި ސްރީދޭވީ އެންމު ފުރަތަމަ އެކުގައި މަސައްކަތްކޮށްފައިވަނީ ވަރަށް މަޝްހޫރުވި ފިލްމެއް ކަމަށްވާ މިސްޓާ އިންޑިއާއިންނެވެ. އެކުގައި މަސައްކަތް ކުރުމަށް ފަހު އެހިސާބުން އެމީހުންގެ ރަހްމަތްތެރިކަމުގެ ގުޅުން ފެށުނެވެ. މި ފިލްމުގައި އެހްމެދް އަދާކޮށްފައިވަނީ ކުޑަ ކުއްޖެއްގެ ރޯލެވެ.

ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި މި ފިލްމުގެ ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ، ސެޓުގައި މަސައްކަތް ކުރި ހުރިހާ ކުޑަކުދިން ގާތުގައި އޭނާ އަށް ބްރޭކް ޑާންސް ދަސްކޮށްދިނުމަށް އެދުނު ކަމަށެވެ. އަދި އެކަން ކުރުމުން އައިސް ކްރީމް ދޭނެ ކަމަށް ބުނެ ރިޝްވަތު ވެސް ދިން ކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ ސްރީދޭވީ އަކީ ޝޫޓިންތެރޭގައި ކިތަންމެ ސީރިއަސް ސީންއެއް ނެގި ނަަމަވެސް އެތަނުގެ ސީރިއަސްކަން ކަނޑުވާލާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ވަރަށް މޮޅު، ހުނަރުހުރި، މަޖާ އަދި އެންމެންނާއި ގުޅޭ ހިތްހެޔޮ މީހެއް ކަމަށެވެ.

އެހްމެދް ޚާން މިހާރު ކުރަމުންދާ މަސައްކަތަކީ އޭނާގެ ޑައިރެކްޓު ކުރާ ފިލްމު ކަމުގައިވާ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ގެ މަސައްކަތެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރާއި ޕަރޭޝް ރަވަލް އާއި ދިޝާ ޕަޓާނީ އާއި ޖެކްލިން ފާރނެންޑެޒް އާއި އަރްޝަދް ވާސީ އާއި ސުނިލް ޝެޓީ އާއި ޖޯނީ ލެވާ އާއި ޝްރިއަސް ތަލްޕަޑޭގެ އިތުރުން ތުޝާރް ކަޕޫރު ފެނިގެންދާނެއެވެ.

އެހްމެދް ޚާން ވަނީ ލަކީރް، ފުލް އެންޑް ފައިނަލް، ބާގީ 2، ބާގީ 3 އަދި ހީރޯޕަންތީ 2 ފަދަ ފިލްމުތައް ވެސް ޑައިރެކްޓް ކޮށްފައެވެ.