ކެންސަރާއި ހަނގުރާމަ ކުރަމުންދާ ހީނާ ޙާންއަށް ކެންސަރުން ސަލާމަތްވެފައިވާ މަހިމާ ޗޯދުރީ މިވަނީ ވަރަށް ހާއްސަ މެސެޖެެއްދީފައެވެ.

މުޅި ދުނިޔޭގައިވެސް މިހާރު ވަރަށް އާންމުވެފައިވާ އުރަމަތީގެ ކެންސަރު ބައްޔަކީ ވަރަށް ގިނަ އަންހެނުންނަށް ދިމާވެފައިވާ ސީރިއަސް ބައްޔެކެވެ. ހީނާ ޙާންއަށްވެސް އުރަމަތި ކެންސަރު ޖެހި އޭގެ 3 ވަނަ ސްޓޭޖުގައި ހުރި ކަމަށް އަޑުތައް ފެތުރިފައިވަނިކޮށް ހީނާ ވަނީ އޭނާގެ އިންސްޓަގުރާމުގައި އެކަން ކަށަވަރު ކޮށްދީ ޕޯސްޓެއް ހިއްސާކޮށްފައެވެ.

ހީނާ މި ޕޯސްޓު ހިއްސާ ކުރުމުން ވަރަށް ގިނަ ފަރާތްތަކުން ވަނީ އޭނާއަށް ހެޔޮދުއާ ކޮށްފައެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އަދި ކުރިން އުރަމަތީ ކެންސަރުޖެހި މިހާރު އެކަމުން ސަލާމަތްވެފައިވާ މަހީމާ ވެސް މިވަނީ އޭނަގެ މެސެއްޖެއް ހީނާ އަށް ދީފައެވެ. މަހީމާ ބުނެފައިވަނީ ހިތްވަރު ކުރުމަށާއި އެކަމާއި އަރައިގަންނަން ހީނާ ވަރަށް ހިތްވަރު ކުރަން ޖެހޭނެ ކަމަށާއި ހީނާ އަކީ ފައިޓާއެއް ކަމަަށާއި ކެންސަރުގެ ހަނގުރާމައާއި ހީނާ ކުރިމަތިލާއިރު ހީނާގެ ކައިރީގައި އަތުގައި ހިފައިގެން އެންމެ ކައިރީގައި އޭނާ ހުންނާނެ ކަމަށެވެ.

އުމުރުން 36 އަހަރުގެ ހީނާ ޚާން އޭނާގެ އިންސްޓަގްރާމް ގައި ހިއްސާކުރި ދިގު ނޯޓެއްގައި ބުނެފައި ވަނީ "މި ބަލިން އަރައިގަތުމަށް އަޒުމް ކަނޑައަޅާފައިވާ" ކަމަށެވެ.

ހީނާ ޚާންގެ ބަޔާނުގައި ބުނެފައި ވަނީ "މިހާރު ފެތުރެމުންދާ ވާހަކަތަކަށް ހައްލެއް ހޯދުމުގެ ގޮތުން އޭނާ ދެކެ ލޯބިވާ އެންމެންނަށް ވެސް މުހިންމު ހަބަރެއް ހިއްސާކުރަން ބޭނުންވޭ. އަހަރެންނަށް ސްޓޭޖް ތިނެއްގެ އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ވަނީ އެނގިފައި. މި ގޮންޖެހުންބޮޑު ޑައިގްނޯސިސްއާ އެކުވެސް، ހާލު ރަނގަޅުކަން އެންމެންނަށް ޔަޤީންކޮށްދެން. އަހަރެންނަކީ ހަރުދަނާ، އަޒުމް ކަނޑައަޅައި، ހަގީގަތުގައި ވެސް މި ބަލިން އަރައިގަތުމަށް މަސައްކަތް ކުރާ މީހެއް."،

އޭނާ ވަނީ އެ ބަލީހެ ފަރުވާ މިހާރު ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ހިންދީ ޓީވީ އިންޑަސްޓްރީގައި މަގުބޫލު ނަމެއް ކަމަށްވާ ހީނާ ޚާން އަކީ މަޝްހޫރު ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލުން ފެނިގެން ދިޔަ ބަތަލާއެކެވެ. "ކަސޯޓީ ޒިންދަގީ ކޭ 2" ގައި އޭނާ ކުޅެފައި ވަނީ ބަތަލާ ކޮމޮލިކާގެ ރޯލެވެ. ނަމަވެސް ދުވަސްކޮޅަކަށް ފަހު އޭނާ ވަނީ ޝޯ ދޫކޮށްލައިފައެވެ.