ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ދިވެހި ފިލްމު "ކަމަނާގެ" ޕޯސްޓަރު ލޯންޗުކޮށްފިއެވެ.

މީސް މީޑިއާގެ ދެ މަންސައެއް ކަމަށްވާ ޓިކްޓޮކާއި އިންސްޓަރގްރަމްގައި ގެވެށި އަނިޔާއާ ދެކޮޅަށް ވާހަކަ ދައްކައި, ހޭލުންތެރި ކުރުވުމުގެ ވީޑިއޯ ކްލިޕްތަކެއް ނެރުމާއެކު "ކަމަނާ" ގެ ޓީމުން ވަނީ އާއްމުންވެސް އެފަދަ ކްލިޕްތައް ތައްޔާރުކޮށް ޕޯސްޓްކުރުމަށް އިލްތިމާސްކޮށްފައެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމު އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 23 ގައެވެ.

"ކަމަނާ" މި ފިލްމް ފެށެނީ ހއ މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުންނެވެ. އެއީ ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބެވެ.

ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާ މަންޒަރު މި ފިލްމުން ފެނިގެން ދާނެއެވެ.

މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާއިރު، މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް މަރިޔަމް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލެވެ. އަދި މިއީ އައްޒަގެ ފިލްމީ ކެރިއަރގައި އޭނާ ފެނިފައި ނުވާފަދަ ރޯލެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މި ފިލްގައި ހައިދަރުގެ ބައި އަދާކުރަނީ ޔޫސުފް ޝަފީއު(ޔޫއްޕެ)އެެވެ. މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.

އަދި މި ފިލްމުގައި އައިމިނަތު ރަޝްފާ (އާޝާ) ފެނިގެންދާނީ ފިލްމުގެ މުޅި ނެރެޓިވް އޭނާ ބޭނުން ގޮތަކަށް އަނބުރާލާ މުހިއްމު ރޯލަކުންްނެެވެ. އެ ތިން ބައިވެރިންގެ އިތުރުން، ދަރާ ރަޝީދާއި، މުހައްމަދު މަނިކު އަދި އައިޝަތު ނަތާޝާ ޖަލީލް (ނަތާ) ވެސް ފެނިގެން ދާނެއެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ. ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީވެސް މުނައްވަރެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމްކަން ފާހަގަކޮށްލެވެއެވެ. މުނައްވަރު ވަނީ މީގެ ކުރިން މަހުދީގެ ސަޒާ އަދި ދިލަކަނި ޑައިރެކްޓްކޮށްފައެވެ.