ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ދެވޮލީނާ ބައްތަޗާރްޖީ ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދެއް ދީފިއެވެ.

ކައިވެންޏަށް ދެ އަހަރު ވާން ކައިރިވެފައިވާ ދެވޮލީނާ އަށް ދަރިއަކު ލިބެން އުޅޭ ކަމަށް ބުނެ މީސް މީޑިއާގައި އަންނަނީ ހަބަރުތައް ފެތުރެމުންނެވެ. އަދި ވަރަށް ގިނަ ފޭނުންނާއި ރައްޓެހިންނާއި އަދިވެސް އެހެން މީހުން ދަނީ އެކަމާ ގުޅޭގޮތުން އޭނާ އަށް މެސެޖްކޮށް ސުވާލު ކުރަމުންނެވެ.

ދެވޮލީނާ ވަނީ އެ ވާހަކަތަކަށް ރައްދު ދީފައެވެ.

އޭނާގެ އިންސްޓަގުރާމް ސްޓޯރީގައި ބުނެފައިވަނީ، އޭނާ ބަނޑުބޮޑު ހަބަރު ފެތުރެމުންދާ އިރު އެކަމާއި ގުޅިގެން ވަރަށް ގިނަ މީހުން އޭނާއަށް މެސެޖް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

އަދި ވަގުތު ޖެހުމުން އެ ވާހަކަ ހިއްސާ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިސާލެއް ނަގައި ދެވޮލީނާ ވަނީ މިސާލަކަށް އޭނާ ބަނޑު ބޮޑުކަން އެނގުނަސް، އެހެން މީހުންނަށް އެކަމުން ވަނީ ކޮން ކަމެއްތޯ ސުވާލުކޮށްފައެވެ. އަދި އޭނާގެ ޒާތީ ދިރިއުޅުމަށް ވަނުމުގެ ހުއްދަ އެއްވެސް މީހަކަށް ނުދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ހުރިހާ ވާހަކައެއް ދެއްކިއިރުގައި ވެސް ދެވޮލީނާ ބަނޑުބޮޑުތޯ ނުވަތަ ނޫންތޯ ބުނެފައެއް ނުވެއެވެ.

ދެވޮލީނާ "ސާތްނިބާނާ ސާތިޔާ" ގައި އަދާކޮށްފައިވާ ގޯޕީގެ ރޯލުން އޭނަ ވަނީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައެެވެ.