އިންޑިއާގެ ސައިންސް ފިކްޝަން ތެލުގޫ ފިލްމު ކަލްކީ 2898 އޭޑީ އަށް ބޮކްސް އޮފީހުގެ ވަރަށް ބޮޑު ކާމިޔާބެއް ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިނެމާ ތަކަށް ދޫކޮށްލާފައިވާ މި ފިލްމު އިންޑިއާގެ ވާހަކަ ދައްކާ ހުރިހާ ބަހުރުވައަކުން ގެނެސްދީފައިވާއިރު މިހާރު މުޅިދުނިޔޭގައިވެސް އަންނަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. ފިލްމު ރިލީޒް ކުރިފަހުން އަދި ދެތިން ދުވަސް ވެފައިވާއިރު މި ފިލްމަށް ވަނީ 250 ކުރޯޑު ރުޕީސް ގެ ބޮޑު އާމްދަނީއެއް ވެސް ލިބިފައެވެ.

ކަލްކީ 2898-އޭޑީ އަކީ ނާގް އަޝްވިން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ނާގް ފާހަގަކޮށްލެވެނީ ގައުމީ އެވޯޑް ލިބިފައިވާ 2018 ވަނަ އަހަރުގެ ބަޔޮގްރަފިކަލް ޑްރާމާ މަހާނަތީގެ މޮޅު ޑައިރެކްޓަރުގެ ގޮތުގައެވެ. އެހެންކަމުން މިފަހަރުގެ ނާގް ގެ މި ފިލްމަކީ ވަރަށް ބޮޑު ހަރަދެއް ދީގެން ހަދާފައިވާ ފިލްމެކެވެ. އަދި ރިޕޯޓްތަކުން ބުނާ ގޮތުގައި މި ފިލްމު ހަދާފައިވަނީ 600 ކުރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމުގައި ހަރަކާތްތެރިވެފައިވާ ތަރިންނަކީ މިހާރު އެންމެ ބޮޑަށް އާންމުންގެ ލޯބި ހޯދާފައިވާ ތަރިންކަމެވެ. އެގޮތުން ޕްރަބާސް އާއި ދީޕީކާ އާއި އަމީތާބް އާއި ކަމަލް ހަސަން އަދި ދިޝާ ފަދަ ތަރިން ހިމެނެއެވެ.

ފިލްމުގެ ކްރިޓިކުން ވެސް ބުނެފައިވަނީ މިއީ އިންޑިއާގެ ފިލްމީ ދާއިރާއަށް އިންގިލާބެއް ގެންނާނެ ފިލްމެއް ކަމަށާއި މި ފިލްމުގައި މަސައްކަތް ކޮށްފައިވާ ހުރިހާ ތަރިންގެ މަސައްކަތްވެސް އެހާމެ ފުރިހަމަ ކަމަށެވެ. އަދި މިއީ މުޅި އިންޑިއާ ފަހަރުވެރިވާ ފަދަ ހޮލީވުޑްގެ ފިލްމު ތަކަށް ދޫނުކުރާނެެ ވަރުގެ ފިލްމެއް ކަމަށެވެ.