ބޮލީވުޑްގެ ހޮރޯ- ކޮމެޑީ ފިލްމެއް ކަމަށްވާ ފިލްމު ކަކުޑާ ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

މި ފިލްމުގެ ޕޯސްޓަރު ހިއްސާ ކުރަމުން ފިލްމުގެ ބަތަލާ ސޮނާކްޝީ ބުނެފައިވަނީ މިއީ އޭނާ ހޮރޯ- ކޮމެޑީ ފިލްމެއްގައި މަސައްކަތް ކޮށްފައިވާ ފުރަތަަމަ ފިލްމު ކަމަށާއި މި ފިލްމު ޖުލައި 12 ގައި ޒީފައިވް އިން ޕްރެމިއާރ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ޕޯސްޓަރުގައި ސޮނާކްޝީ ފެނިގެންދަނީ އަނދިރީގައި ހުޅު ރޯކޮށްފައިވާ އެއްޗެއް ހިފައިގެން ވަރަށް ބިރުން ހުންނަ މަންޒަރެވެ. ސޮނާކްޝީގެ އިތުރުން ދެން މި ފިލްމުގައި ފެނިގެންދާނީ ރިތޭޝް ދޭޝްމުކް އާއި ސަލީމް ޤާބިލްއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މިހާރު ސިނެމާ ތަކުގައި އަޅުވާފައިވާ ފިލްމު ކަމަށްވާ މުންޖިޔާގެ ވެސް ޑައިރެކްޓަރު އަދިތްޔާ ސަރްޕޯޑްދާރްއެވެ.

މި ފިލްމަކީ އުއްތަރަ ޕްރަދޭޝްގެ މަތުރާ ސަރަހައްދުގެ ރަޓޯޑީ އަވަށާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ.

ރަޓޯޑީއަކީ އެހެން އަވަށްތައް އޮންނަ ގޮތަށް އޮންނަ ތަނެއް ކަމަށް ފެނުނަސް އަސްލު އެ އަވަށަކީ ބަދު ދުއާ ޖެހިފައިވާ އަވަށެކެވެ. މި އަވަށުގެ ކޮންމެ ގެއެއްގައި އެއްގޮތަށް ހުންނަ ދެ ދޮރެއް ހުރެއެވެ. ނަމަވެސް އެއްދޮރަށް ވުރެ އަނެއް ދޮރު ހުންނަނީ ކުޑަ ކޮށެވެ.

މި ފިލްމުގައި ދައްކުވައިދެނީ ކޮންމެ ގެއެއްގެ ކުޑަ ދޮރު ކޮންމެ އަންގާރަ ދުވަހެއްގެ ރޭގަނޑު 7:15 ގައި ހުޅުވަން ޖެހޭނެ ކަމަށާއި އަދި މި އުސޫލަށް އަމަލު ނުކުރުމަކީ ގޭގެ މީހާއަށް އަދަބު ދޭ ކަކުޑާގެ ރުޅިއަށް ދައުވަތު ދެވުން ކަމަށެވެ. މި ފިލްމްގައި ކަކުޑާ އަކީ ކާކު ކަމާއި ރަށުގެ ފިރިހެނުންނަށް އަދަބު ދެނީ ކީއްވެގެން ކަމަށާއި ރަށުގެ ރައްޔިތުން އެ ބަދު ދުއާއިން ސަލާމަތްވާނީ ކިހިނެއް ކަމާއި މިހުރިހާ ސުވާލު ތަކުގެ ޖަވާބުވެސް ލިބިގެންދާނެއެވެ.