އިންޑިއާގެ މަޝްހޫރު ތަރިންކަމަށްވާ ދެބީނާ އާއި ގުރްމީތުގެ ދެދަރިންގެ ދެމެދުގައި ދެބީނާ ތަފާތު ކުރާ ކަަމަށް ބުނާ ފަރާތްތަކަށް ގުރްމީތު ރައްދެއްދީފިއެވެ.

ގުރްމީތުއާއި ދެބީނާއަށް ވަނީ ލޯބި ލޯބި ދެ އަންހެން ކުދިން ލިބިފައެވެ. ދިވީޝާ އާއި ލިއާނާއެވެ. ދެބީނާ އާއި ގުރްމީތު ހިންގާ ޔޫޓިއުބް ޗެނަލުގައި އެދެކުދިންވެސް ފެނިގެންދިޔުމާއި އެމީހުން އުޅޭގޮތް ދައްކަމުންދާއިރު މިހާރު އެމީހުންގެ ފޭންބޭސް ވަރަށް ބޮޑެވެ. އަދި ވީޑިއޯ ތަކަށް ލިބޭ ކޮމެންޓުތައްވެސް ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. އެގޮތުން ލިބޭ ޕޮޒިޓިވް އަދި ނެގަޓިވް ކޮމެންޓު އެމީހުން އަބަދުވެސް ބަލައިގަނެއެވެ. ނަމަވެސް ދެބީނާ ދެދަރިންގެ މެދުގައި ތަފާތު ކުރާ ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

ދާދި ފަހުން ގުރްމީތު ވަނީ ސިދާތް ކަނަން އާއި އެކިން އިންޓަވިއުއެއްދީ އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނަ ބުނެފައިވަނީ މީހުން ދެބީނާ ދެކުދިންގެ މެދުގައި ތަފާތު ކުރާ ވާހަކަ ދައްކާތީ ދެބީނާ އެކަމާއި ވަރަށް ދެރަވެ އަދި އެކަމާއި ވަަރަށް ބޮޑަސް ވިސްނާ ފިކުރު ކުރާ ކަމަށެވެ. އެހެންކަމުން އޭގެ ރައްދެއްގެ ގޮތުން ގުރްމީތު ބުނެފައިވަނީ އެގޮތަށް ވިސްނާނީވެސް މޮޔައިން ކަމަށާއި ރަނގަޅަށް ވިސްނައިފި މީހަކަށް އެއްވެސް މަަންމައަކު އެފަދައިން ކަންތައް ނުކުރާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން އޭނާ ބުނެފައިވަނީ ދެބީނާ ގާތުގައި އެފަދައިން ކޮމެންޓު ކުރާނީ ކުރާނެ ކަމެއްނެތި އަދި ވިސްނާނުލާ ބޭކާރު ކަންތައްްކުރާ މީހުންކަމަށެވެ. އަދި އޭނާ އެކޭ އެއްފަދައިން ދެބީނާވެސް އަންނަ ނެގަޓިވް ކޮމެންޓުތަކަށް އަޅާނުލައި ސަޕޯޓްކުރާ އަދި ލޯބިވާ މީހުންގެ ކޮމެންޓުތަކަށް ވިސްނައިގެން ދިރިއުޅުމުގައި ކުރިއަށް ދިޔުމަށެވެ.

ގުރްމީތު އާއި ދެބީނާ ކައިވެނި ކޮށްފައިވަނީ 15 ފެބްރުއަރީ 2011އެވެ.