ތެލަގޫ އާއި ކަންނާޑާ ފިލްމުތައް ކުޅޭ އިންޑިއާގެ ދެކުނުގެ ޒުވާން ބަތަލެއް ކަމަށްވާ ސްރީލީލާ ބޮލީވުޑަށް ނިކުތުމަށް ތައްޔާރު ވަމުންދާ ކަމަށް އިންޑިޔާގެ ފިލްމީ ހަބަރުތައް ރިޕޯޓްކުރާ ފަރާތްތައް ބުނެފިއެވެ.

23 އަހަރުގެ ބަތަލާ އަށް މިހާރު ހިންދީ ދެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން އެއް ފިލްމަކީ ވަރުން ދަވަން އާއި އެކީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ހެދުމަށް ތައްޔާރުވަމުން އަންނަ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި ނަން އަދި އިއުލާން ނުކުރިނަމަވެސް މި ފިލްމަކީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެޅުވުމަށް ތާވަލް ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ވަރުން އާއި އެކު ދެ ބަތަލާއިން ހިމެނޭއިރު އޭގެތެރެއިން އެކަކީ މުރްނާލް ތާކޫރު ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. އަނެއްބައި މީޑިއާ ތަކުން ރިޕޯޓް ކޮއްފައިވަނީ 2 ބަތަލާއަކަށް ރަކުލް ޕްރީތް ސިންގް ގެނައުމަށް ކުރިން ވާހަކަތަކެއް ދެކެވުނު ނަމަވެސް ވަރުން އާއި އެކީ ފިލްމުގައި ފެނިގެންދާނީ ސްރީލީލާ ކަމަށެވެ.

 

ސްރީލީލާއަށް ލިބުނު ކަމަށް ވާހަކަ ދެކެވޭ ދެވަނަ ފިލްމަކީ ބޮލީވުޑަށް ތައާރަފުވުމުގެ މަގުމަތީގައި ހުރި އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާ އެކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ "ޑިލަރު" އެވެ. އަންނަ އަހަރު މި ފިލްމް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން ނިންމައިފާވާއިރު އަދި މި ފިލްމު ރަސްމީ ކޮށް ލޯންޗްއެއް ނުކުރެއެވެ.

އެމެރިކާގެ ޑިޓްރޮއިޓަށް އުފަން ސްރީލީލާ އެކްޓިން އަށް ނުކުތީ 2017 ގައެވެ. ސްރީލީލާ އެންމެ ފަހުން ކުޅުނު ފިލްމަކީ ޖެނުއަރީ މަހުގައި ރިލީޒް ކުރި މަހޭޝް ބާބޫގެ "ގުންތޫރު ކާރަމް" އެވެ. ސްރީލީލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރޮބިންހުޑް" އާއި "އުސްތާދު ބަގަތު ސިންގް" ހިމެނެ އެވެ.