އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތް ނަރަޔާންއަށް މަރުގެ އިންޒާރު ދޭ މައްސަލަ ބޮޑުވެގެން އޭނާ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

އޭނާ ބުނީ، އެއް ނަމްބަރަކުން އޭނާއަށް ތިން ފަހަރު މަރުގެ އިންޒާރު ދީފައިވާކަމަށެވެ. ފުލުހުން މިހާރު ވަނީ އެ ނަމްބަރުގެ އަސްލު ވެރި ފަރާތް ހޯދާފައެވެ. އަދި އެކަން ކުރަމުން ދަނީ ވަގަށް ނަގައިގެންް އުޅޭ ފޯނަކުންކަންވެސް ފުލުހުންނަށް ވަނީ އެނގިފައެވެ.

ފުލުހުންގެ ތަހުގީގަށް އެނގުނުގޮތުގައި، އެ ފޯނަކީ އުދިތް ދިރިއުޅޭ ގޭގެ ސެކިއުރިޓީއަށް މަސައްކަތް ކުރަމުން އަންނަ މީހެއްގެ ފޯނެވެ. އެ ފޯން ވަގަށް ގެންގޮސްފައި ވަނީ މީގެ ތިން މަސް ދުވަސް ކުރިންކަންވެސް ވަނީ އެނގިފައެވެ.

އުދިތް ބުނީ، އޭނާއަށް ފަރަތަމަ މަރުގެ އިންޒާރު ލިބުނީ މީގެ މަސް ދުވަސް ކުރިން ކަމަށެވެ. އަދި އޭގެ ފަހުން ޖުލައި މަހުގެ 17 އަދި 23 ގައިވެސް މަރުގެ އިންޒާރު ލިބުނު ކަމަށް އޭނާ ބުންޏެވެ. އަދި ގުޅާ އެ މީހާ ބުނާގޮތުގައި، އޭނާއަކީ ލަޒްމަން ނަމަކަށް ކިޔާ މީހެއް ކަމަށާއި، އޭނާއަށް އުދިތް އާއި ގުޅޭ ގިނަ މައުލޫމާތުތަކެއް އިނގޭކަމަށް އުދިތް ވަނީ ބުނެފައެވެ.

ފުލުހުން ދަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އުދިތް އަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ ލަވަކިއުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.